1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފުރަތަމަ ސޮއިކުރީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ހައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި އަލްއަދިއްލާ ކޮމްޕެނީއާއެކުގައި ކަމަށެވެ.

މިމަހު 25 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލްއެވެ.

މީގެ އިތުރުން 1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި އަރަފާތުގައި ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޟުޔޫފުލްބައިތު ކޮމްޕެނީގެ އިދާރާގައި މިމަހު 26 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ހައްޖުވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސައުދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށްޓަކައި ދޭ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ކުރައްވަމުން ގެންދަވާއިރު މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުނެއެވެ.