ލޮލަށް ފެނުމުން މަހްރޫމް ވެފައިވާ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ޔަގީން ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަޝްވަރާ ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕް އިން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރަން ނިންމައިފިއެވެ.

ލޮލަށް ފެނުމުން މަހްރޫމު ވެފައިވާ މީހުންނަށް ހާއްސަ ބްރައިލް ޕޭޕާގައި ވޯޓް ކަރުދާސް ހެދުމަކީ އެ ފަރާތްތަކަށް އިތުރު މީހެއްގެ އެހީތެރިކަމަކާ ނުލައި ވޯޓު ލުމުގެ މަގު ފަހިވެގެންދާނޭ ކަމަކެވެ. އަދި މި ބަދަލާއެކު އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ޔަގީން ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ.

މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ލޮލަށް ފެނުމުން މަހްރޫމުވެފައިވާ ފަރާތްތަކުން ވޯޓުލާފައިވަނީ އެހެން މީހެއްގެ އެހީތެރިކަމާއެކު އެވެ. މިގޮތަށް މިކަން ކުރުމުގެ ސަބަބުން ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮންނަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓުކަރުދާހުގައި ފާހަގަޖެހުމުގެ އިންތިޒާމްތަކާ ގުޅޭގޮތުން ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ އިލެކްޝަން ކޮމިޝަނުން ވަނީ އިއްޔެ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ވޯޓު އޮޅުވާލުމުގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވާއިރު އެ އިރެއްގައި ސަރުކާރާ ހަވާލުވެ އޮންނަ ޕާޓީއަކުން ވޯޓު "ގަޑުބަޑު" ކުރާ ކަމުގެ ގިނަ ތުހުމަތު ތަކެއް ކުރެއެވެ. މިހާރު އެމްޑީޕީގެ ސަރުކާރެއް ވެރިކަން ކުރަމުން އަންނައިރު އެ ޕާޓީއިން މިފަދަ މަސައްކަތެއް ވޯޓުގެ ސިއްރުކަން ޔަގީން ކުރުމަށް ކުރުމަކީ އިންތިހާބުގައި އެ ޕާޓީއަށް އަދި ސަރުކާރަށް މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު "ގަޑުބަޑު" ކުރާކަމުގެ ތުހުމަތުތައް މަދުވެދާނެ ސަބަބެކެވެ.

މި އަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު އިންތިހާބު ވަރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު އެ ޕާޓީ ދެކަފި ވެފައި ވާ އިރު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީ އަދި އެމްޑީއޭ އިން ވަނީ ނިންމާފައެވެ.

މީގެ އިތުރަށް 39،000 މީހުން އެމްޑީޕީއިން ވަކިކޮށްފައި ވާތީ އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ނެރެދިނުމަށް 'ދަ ލިޓީޖަންޓްސް އެލްއެލްޕީ' ގެ ފަރާތުން ވަކީލު އަލީ އަމްޖަދު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި ކޯޓަށް ހުށަހެޅި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވީ ނަމަވެސް އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިހާރު ވަނީ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އަރުވާފައެވެ.