މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުން ޑީޕޯޓްކުރުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ބިދޭސީ ދެ އަންހެނުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 'ރޯޅި' ނަމަކަށް ކިޔާ ގެސްޓްހައުސް އެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެ ގެސްޓް ހައުސް އިން ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި، 43 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 31 އަހަރާއި 36 އަހަރުގެ ބިދޭސީ ދެ އަންހެނުން ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި ހާދިސާގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ޖިންސީ އަމަލު ހިންގަމުން ދަނިކޮށް ކަމަށެވެ. އެހެންނަމަވެސް ފަހުން ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ ދިވެހި ފިރިހެން މީހާ ދޫކޮށްލާފައެވެ.