ބީއެމްއެލް އެކައުންޓްތަކުން ފައިސާ ގެއްލެނީ މީހުންގެ ފަރުވާކުޑަކަމުން ކަމަށާއި އެކަމުގައި ބޭންކުގެ މައްސަލައެއް ނެތްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަން ދައިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 33 މެމްބަރުންގެ ވޯޓުންނެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ އާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން މެމްބަރު ޝަރީފް ވިދާޅުވީ ބީއެމްއެލް އާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކައަކީ ޒިންމާދާރުކަމެއް ނެތް ސިޔާސީ ވާހަކައެއް ކަމަށެވެ. އަދި މިއީ އެ ބޭންކުގެ އިތުބާރު ގެއްލުވާލުމަށް ކުރަމުންދާ އަމަލެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ޝަރީފް ވަނީ ބޭންކުގެ އިތުބާރު ގެއްލުވާލުމަށް ބަޔަކު ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިނެއްގައި މަޖިލީސް ޖެހިގެން ސިޔާސީ ގޮތުން ފަހި ފުރުސަތެއް ގޮތަށް ދެކިގެން ބޭންކުގެ އިތުބާރު ނަގާލަން ކުރަމުންދާ މަސައްކަތުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވާތީ އެކަން ކުށްވެރި ކުރައްވާފައެވެ.

ސްކޭމްތަކުން ފައިސާ ގެއްލޭކަން ގަބޫލު ކުރައްވަމުން ޝަރީފް ވިދާޅުވީ އެކަން ވަނީ ބޭންކުގެ ސަބަބުން ނޫންކަމާށާއި އެކަން ވަނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން ކަމަށެވެ. މިވާހަކައަށް ބާރު ލިބޭ ހެކިތައް ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮވިޑް19 ގެ ތެރޭގައި އޭނާ ހިންގަވާ ފިހާރައިންވެސް ސްކޭމްތަކުގެ ސަބަބުން ފައިސާ ގެއްލުނު ކަމަށެވެ. ނަމަވެސް އެއީ ތަނުގެ މުވައްޒަފުންގެ ފަރުވާކުޑަކަން ކަމަށް ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ ފައިސާ ހޯދަން ބޭންކަށް ވަޑައިނުގަންނަވާ ކަމަށެވެ.

ބީއެމްއެލްގައި މިހާރުވެސް 6 އެކައުންޓް އޮަޕަރޭޓް ކުރައްވާކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ދުވަހަކުވެސް އޭނާގެ އެކައުންޓުން ބައި ރުފިޔާއެއްވެސް މަދުނުވާކަމަށެވެ. މީގެ އިތުރުން ޝަރީފް ވަނީ ފައިސާ ގެއްލެނީ ކޮމްޕްރޮމައިޒްވާ ވެބްސައިޓުތަކަށް ވަންނަ މީހުންގެ އެކައުންޓްތަކުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ބީއެމްއެލް އިން ފައިސާ ގެއްލޭ މައްސަލައިގެ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކޮށްފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ތިމަރަފުށީގެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްވެސް ވަނީ މި ހުށަހަޅުއްވާފައެވެ.

ބީއެމްއެލް އެކައުންޓުގައި ހުންނަ ފައިސާ ކަސްޓަމަރުންނަށް ނޭނގި ގެއްލޭ މައްސަލަ ފެންމަތިވެ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު ބީއެމްއެލް އާ ދެކޮޅަށް ސޯޝަލްމީޑިއާގައި ވެސް އަންނަނީ ބޮޑު 'ކެމްޕެއިނެއް' ހިންގަމުންނެވެ.