ފެނަކަ ކޯޕަރޭޝަނަން ލިމިޓެޑްގެ ބިލިން ސޮފްޓްވެއާއެއް ހެދުމަށް ހަވާލުކުރި އަމިއްލަ ކުންފުޏެއް ކަމަށްވާ "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށް އުސޫލުތަކާ ހިލާފަށް އެ ކޯޕަރޭޝަނުން ފައިސާ ދޫކުރި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހަށް އަނެއްކާ ވެސް ފޮނުވައިފިއެވެ.

މި މައްސަލަ އޭސީސީ އިން ސެޕްޓެމްބަރު 22، 2021 ވަނަ ދުވަހު ވެސް ޕީޖީ އޮފީހަށް ހުށަހަޅާފައި ވާއިރު އޭސީސީއިން މިފަހަރު މައްސަލަ ހުށަހަޅައިފައި ވަނީ ޕީޖީ އޮފީހުން އިސްލާހުކުރުމަށް އެންގި ކަންކަން އިސްލާހު ކުރުމަށް ފަހުއެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޑިރެކްޓަރު މ. ފެހިވިދުވަރުގެ އިސްމާއީލް ޝަމްއޫން އަދި އެކުންފުނީގެ ކުރީގެ ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ވެރިއެއްގެ މަގާމުގައި ހުރި އަހްމަދު ނަޖާހުގެ މައްޗަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި ބިލިން ސޮފްޓްވެއާއެއް ހެދުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމުގައި އެ މަސައްކަތް ނޮވެންބަރު 06، 2017 ގެ ނިޔަލަށް ނިންމުމަށް ބަޔާންކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެ ސޮފްޓްވެއާ ލިބިފައެއް ނުވެއެވެ.

އެ ސޮފްޓްވެއާ ނިމުނު ކަމަށް އިސްމާއީލް ޝަމްއޫން އަދި އަހްމަދު ނަޖާހު ސޮއިކޮށް ލިޔުން ދޫކުރުމުގެ ސަބަބުން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޭންޖެހޭ އެންމެހާ ފައިސާ ދޫކޮށް، އެކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައި ވާތީ އެ ދެ މީހުންގެ މައްޗަށް 2 ދައުވާއެއް ކުރުމަށް ވަނީ ފޮނުވާފައެވެ. އެ 2 ދައުވާއަކީ ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ގާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރަށް މި އެއްބަސްވުމާ ގުޅިގެން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޫކޮށްފައިވާ ޖުމްލަ 1.4 މިލިއަން ރުފިޔާ ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ވަނީ އަންގާފައެވެ.