ހުޅުމާލެ ފޭސް 2ގައި ގާއިމްކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މަލަސް އިމާރާތަށް އެޗްޑީސީގެ އޯޕަން ނެޓްވޯކްގެ ހިދުމަތް ގުޅުވާލައިފިއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ މި އިމާރާތުގެ އެޕާޓްމަންޓްތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އެޗްޑީސީގެ ސްމާޓްކޮމް ޓީމްއިން އިމާރާތައް ކަނެކްޝަން އަޅާ މި މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އިންޓާނެޓް އަދި ޓީވީގެ ހިދުމަތް ލިބޭނޭ ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ އޯޕަން ނެޓްވޯކްގެ ހިދުމަތަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށްވާ ހުޅުމާލޭ ފޭސް 2 ގައި އިމާރާތް ކުރާ ކޮންމެ އިމާރާތަކީ ވެސް ބޭނުން ކުރަން ފަށާއިރު މުވާސަލާތީ ވިއުގާ އިން ގުޅާލާފައިވާ ތަނަކަށް ހެދުމަށް ދެމުންދާ ހިދުމަތެއް ކަމަށެވެ.
އެޗްޑީސީގެ ފަރާތުން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކަކީ ފޭސް 2ގައި ތަރައްގީކުރާ ކޮންމެ އިމާރާތަކީވެސް އެތަނަކަށް ރައްޔިތުން ބަދަލުވާން ވާއިރަށް ސީދާ އެޕާޓްމެންޓާއި ހިސާބަށް ފައިބާ ނެޓްވާކް، އިންޓާނެޓް އަދި ޓީވީގެ ހިދުމަތްލިބިގަތުމަށް ތައްޔާރު ކުރެވިފައިވާ ނެޓްވޯކެކެވެ. މި ނެޓްވޯކްއާއެކު ރައްޔިތުން އިމާރާތައް ބަދަލުވެ ހިދުމަތައް އެދޭތާ ގަޑިއިރުކޮޅެއް ތެރޭގައި ހިދުމަތް ލިބިގެންދާނެއެވެ.
ފޭސް ދެއެއްގައި ގާއިމްކޮށްފައިވާ 7000 ހިޔާ ފްލެޓް، ސްޓެލްކޯގެ ބްލޫ ރިޖް، އެމްއޭސީއެލްގެ ހިޔާ ފްލެޓްއަށް ރައްޔިތުން ބަދަލުވިއިރު އެޗްޑީސީގެ ސްމާޓްކޮމް ޓީމްއިން ވަނީ މި ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކްއާ ގުޅާލައި އެޕާޓްމެންޓްތަކުގައި އޯއެންޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ވަނީ ތައްޔާރުވެފައެެވެ.
އެޗްޑީސީގެ މި ނެޓްވޯކްގެ ދަށުން އިންޓާނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލް ކުރަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކުރުމުގެ މަގުފަހިކޮށްދެވޭނެއެވެ. މީގެ އިތުރުން މި ނެޓްވޯކްއާއެކު ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް ވަނީ މަދު ކުރެވުމުގެ އިތުރުން މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކެޝަންކެނޑެން ދިމާވާ ހާލަތްތައް ވެސް ވަނީ މަދު ކުރެވިފައެވެ.
އޯޕަން އެކްސެސް ނެޓްވޯކް ގެ އަޕްޓައިމް ވޭތުވެދިޔަ އަހަރުތެރޭގައި 100 ޕަސެންޓުގައި ހުރިއިރު ކުރިއާލާ ރާވައިގެން ކުރިއަށް ގެންދާ މެއިންޓެނަންސް އަދި އަޕްގްރޭޑިންގްގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯކްގެ ހިދުމަތް މެދު ކެނޑިފައެއް ނުވެއެވެ.
އެޗްޑީސީގެ ސްމާޓްކޮމް ޓީމްގެ މަސައްކަތްތައް ބަށްޓަން ކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުމަލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ފަސޭހަ ވެއްޓެއް ގާއިމުކޮށް ދިނުމަށެެވެ.