މާލޭގައި ހިނގަމުންދާ ސިލްސިލާ ގުރޫޕް މާރާމާރީތަކާ ގުޅިގެން ހަތިޔާރާ އެކު ހައްޔަރު ކޮށްފައިވާ 8 މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
މާލޭގައި ހިނގަމުންދާ ސިލްސިލާ ގުރޫޕް މާރާމާރީތަކާ ގުޅިގެން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޖުމްލަ 16 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި މީހުންނަށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި ވާއިރު އިއްޔެ ކްރިމިނަލް ކޯޓުން އޭގެ ތެރެއިން 8 މީހުން ދޫކޮށްލީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުންނެވެ.
ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނީ އެމީހުންނަށް ފުރަތަމަ 15 ދުވަހުގެ ބަންދެއް ޖަހާފައި ވަނީ ކޮންމެވެސް ވަރަކަށް ހެކިހުރުމުން ކަމަށެވެ. އެހެންނަމަވެސް ބަންދުގެ މުއްދަތު ހަމަވިއިރުވެސް އެމީހުންނާ ދެކޮޅަށް އިތުރު ހެއްކެއް ހުށަހަޅާފައި ނުވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުށަހަޅާފައި ވަނީ ހަމައެކަނި އިންޓެލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އެކުލަވާލި އިންޓެލެޖެންސް ރިޕޯޓް އެކަނި ކަމަށެވެ.
ފުލުހުން ހުށަހެޅި ރިޕޯޓަށް ރިއާޔަތްކޮށް ކޯޓުން ބުނީ އެމީހުންގެ އެޕާޓްމަންޓް ތެރެއިން ކަތިވަޅި އާއި ވަޅި ފެނުނު ނަމަވެސް އިތުރު އެއްވެސް ހެއްކެއް ނެތި އެއީ މާރާމާރީ ހިންގަން ބޭނުން ކުރި ތަކެތިކަން ކަނޑަނޭޅޭނެ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުންގެ ފޮޓޯ ހުށަހެޅި ނަމަވެސް އެ ފަރާތްތަކަށް އަނިޔާ ދިނުމުގައި ދޫކޮށްލި މީހުން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.