ސަފާރީއެއްގެ ތެރޭގައި ފަތުރުވެރިޔަކު ރޭޕްކުރި މައްސަލަ އެއް އާންމުވުމާ ގުޅިގެން އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް، ފުލުހުން ބުނެފިއެވެ.

ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން އައިސް އުޅޭ އަންހެން ފަތުރުވެރިއެއް ރޭޕްކުރި ކަމަށް ބުނެ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޕްރައިވެޓް ފޭސްބުކް ގްރޫޕެއްގެ ތެރޭގައި ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ފޭސްބުކްގައި ބިދޭސީއެއް ކުރި އެ ޕޯސްޓުގައި ބުނީ، އޭނާ އާއި އޭނާގެ އެކުވެރިންތަކެއް ހުޅުމާލޭގެ މަގުމަތީގައި ދަންވަރު ތިއްބާ އެ ފަތުރުވެރިޔާ ދުވަމުން އަންނަ މަންޒަރު ފެނުނު ކަމަށާއި، ފަތުރުވެރިޔާ އައިސް އެ މީހުންނާ އަރާ ހަމަކުރި ކަމަށެވެ. ފަތުރުވެރިޔާ އަށް އެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރި ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ކުރި ޕޯސްޓުގައި އިތުރަށް ކިޔައިދިން ގޮތުގައި:

  • އެ ފަތުރުވެރިޔާގެ ހަށިގަނޑުގައި ޒަހަމްތައް ހުރިކަން ފާހަގަކުރެވުނު
  • ފަސް ފިރިހެނުން ވެގެން ފަތުރުވެރިޔާ ރޭޕްކުރި ކަމަށް ރޮމުން ކިޔައިދިން
  • ރޭޕްކުރީ އޭނާ އަށް މަސްތުވާތަކެތި ދިނުމަށް ފަހުގައި ކަމަށް ބުނި

އެ މީހާގެ އަތުގައި ހުރި ފައިސާތައް އަތުލައި މޫދަށް އެއްލާލަފާނެ ކަމުގެ ބިރު އޮތް ކަމަށް، އޭނާ އާ ހަވާލާދީ ކުރި ފޭސްބުކް ޕޯސްޓުގައިވެއެވެ.

މީޑިއާ އިން ސުވާލުކުރުމުން ފުލުހުން ބުނީ، ސަފާރީއެއްގައި ފަތުރުވެރިޔަކު ރޭޕްކުރި މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށާއި، ނަމަވެސް އެފަދަ މައްސަލައެއް ސަމާލުކަމަށް އައުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެން ފަތުރުވެރިއެއް ރޭޕްކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވިއިރު، އެ މައްސަލައިގައި ފުލުހުން ވަނީ ކުށުގެ ވެށިން ދެ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިކަލުން އަބްދުﷲ ޝާން ހިމެނެއެވެ. ނަމަވެސް ހެކި ނެތް ކަމަށް ބުނެ، ދެ މީހުން ވެސް ވަނީ ދޫކޮށްލާފައެވެ.