މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ހެނދުނު ޕޮލިސް ކޮމިޝަނަރު މުހަމައްދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފެބުރުއަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މާފަންނުގައި ހުންނަ 'ކްރާސާ' ފިހާރަ ތެރޭގައި ވަޅިން ހަމަލާދީ ޒަހަމްކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުން އޭނާ ގައިގެ އެތަން މިތަނަށް ވަޅި ހަރާފައިވާއިރު މިހާރު އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ.

އޭނާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އައިޖީއެމްއެޗް އިން ހާމަކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.