ސްޓެމް އެޑިއުކޭޝަން ކުރިއެރުވުމާއި ސްޓެމް މާއްދާތަކަށް ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރު ކުރުމަށް އުރީދޫ ސްޓެމް ފެއާ ބާއްވަން ނިންމައިފިއެވެ.

މި އަންނަ މަހުގެ 2 އަދި 3 ވަނަ ދުވަހު އިއްޒުއްދީން ސްކޫލް ހޯލުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ބާއްވާ މި ފެއާގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ދައްކާލާނެއެވެ.

މި ފެއާގެ މަގްސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސްޓެމް މާއްދާތައް ކުރިއެރުވުމަށް މަގުފަހި ކުރުމެވެ. މި ފެއާގައި ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން އިބްރަތް ހާސިލުކުރުމާއި އެކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް ކަމަށާއި އުރީދޫ ސްޓެމް ފެއާއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި އިބްރަތް ހާސިލުކުރުމުގެ އިތުރުން އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައެވެ. މީގެ އިތުރަށް ހުސައިން ނިޔާޒް ވިދާޅުވީ ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

މި ފެއާއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތުދީފައި ވާއިރު އުރީދޫއިން ބުނީ މި ފެއާއަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތައުލީމީ ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.