ރަޝިއާއިން ޔޫކްރައިނަށް އަރާ ކުރަމުން ދާ ހަނގުރާމަ ދެވަނަ އަހަރަކަށް ފެށިފައި ވާ އިރު، ދުނިޔޭގެ ބާރުތަކުގެ ރާގު މިހާރު ހުރީ ދެ މިސްރާބަކަށެވެ. އެއް ކޮޅުން ރަޝިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ވާހަކަ ދައްކާ އިރު އަނެއް ކޮޅުން ދައްކަނީ ހަނގުރާމަ ހުއްޓުވައި ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ދައުރު ބޮޑުކަމުގެ ވާހަކައެވެ.
އެގޮތުން ޔީއޫ އާއި ނޭޓޯ އަދި އެމެރިކާއިން މިހާރު ތައްޔާރު ވަމުން ދަނީ ރަޝިއާ އަށް އަޅަމުން ދާ ދަތިކުރުމުގެ ފިޔަވަޅުގެ 10 ވަނަ ޕެކޭޖް ތަންފީޒު ކުރުމަށެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން، އެ ޕެކޭޖްގައި ހިމެނޭ ފިޔަވަޅުތައް މީގެ ކުރިން އެޅި ފިޔަވަޅުތަކަށް ވުރެ ހަރުކަށި ވެފައި އެކަމުން ރަޝިއާ އާއި އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް ކުރާ އަސަރު ބޮޑުވާނެއެވެ. އެ ޕެކޭޖްގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ޔޫކްރައިނަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށް މާލީ ގޮތުން ރަޝިއާ ޒިންމާދާރު ކުރުވުމެވެ. އެގޮތުން ރަޝިއާ ސަރުކާރުގެ އެކިއެކި ފަންޑުތަކާއި ރަޝިއާ އާ ގުޅިފައި ތިބި އެކިއެކި ބިލިއަނަރުންގެ ފަންޑުތައް ފްރީޒް ކުރުން ހިމެނެއެވެ.
ހުޅަނގުން ގަބޫލު ކުރާ ގޮތުން ރަޝިއާ އިން ޔޫކްރައިނަށް ދެމުން ގެންދާ ހަމަލާތަކުގައި ލިބޭ ގެއްލުން އަލުން އާރާސްތު ކުރުމަށް ހަރަދު ކުރަން ޖެހޭނީ ރަޝިއާ އިންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ އާ ފިޔަވައްސެއް ނުވަތަ ޕެކޭޖެއް ތަންފީޒު ކުރަން ތައްޔާރު ވާ އިރު، ހަނގުރާމަ ހުއްޓުވައި ސުލްހަ ކުރުމުގެ ރާގެއްގައި ވެސް ބައެއް އޮފިޝަލުން ވާހަކަ ދައްކަވައެވެ. އެގޮތުން އީޔޫގެ އެމްބެސެޑަރު އޫގޯ އަސްޓޫޓޯ ވިދާޅުވީ، ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުވުމުގައި އިންޑިއާއަށް އަދާ ކުރެވޭނެ ދައުރު ބޮޑު ކަމަށެވެ. މި މޭރުމުން އޭނާ ވާހަކަ ދެއްކެވި އިރު، ހުސްވި ހަފްތާގައި ޗައިނާއިން ވަނީ ސުލްހައިގެ ޕްލޭނެއްގެ ވާހަކަ ތިލަކޮށްފައެވެ. އެ ޕްލޭން އާ ގުޅޭ މަޝްވަރާތައް ޗައިނާއިން ހުޅަނގާއި އަދި ރަޝިއާ އާ ކުރަމުން ދާ އިރު، ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ޗައިނާގެ ހުށަހެޅުމަށް ތާއީދު ކުރާ ކަމަށާއި އެއީ އުއްމީދީ ހުށަހެޅުމެއް ކަމަށް ބުނެފައެވެ.
ޗައިނާގެ ހުށަހެޅުމުގެ ހުރިހާ ތަފްސީލެއް އަދި މީޑިއާ ތަކަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މުހިންމު އެއްކަމަކަށް ޗައިނާއިން ފާހަގަ ކޮށްފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވުމާއި، ޔޫކްރައިންގެ އިސްތިގުލާލާއި މިނިވަންކަން ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ޔަގީން ކޮށްދިނުމާއި، ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭނޭ ކަމެއް ބަލައިނުގަތުމަށެވެ.
ޗައިނާގެ މި ޕްލޭންގެ ވާހަކަ ހާމަ ކުރުމުގެ ކުރިންވެސް ސުލްހައިގެ މަގުގައި އިންޑިއާއަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެރޮލްސްކީ ވެސް މީގެ ކުރިން ވިދާޅުވިއެވެ. ޒެލޮންސްކީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފޯނުން ދެއްކެވި ވާހަކަތައް މީޑިއާތަކާ ހިއްސާ ކުރައްވަމުން ދެގައުމުގެ އޮފިޝަލުން އޭރު ބުނީ، ސުލްހައިގެ މަގުގައި ރަޝިއާ އަށް ލޮބީ ކުރުމަށް ޔޫކްރައިން އިން އިންޑިއާ ކިބައިގެން އެދުނު ކަމަށެވެ.
ނަމަވެސް އޭރުވެސް އަދި މިހާރުވެސް އެކަމުގައި އިންޑިއާއިން އަދާ ކުރާނެ ނުވަތަ ކުރެވިދާނެ ދައުރާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެއެވެ.