ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ކުޅިވަރަަށް ކޮށްދެއްވި ހިދުމަތް ފާހަގަ ކުރުމަށް ފޯ ނޭޝަނަސް ކަޕްގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.
ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މިއަދުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގައި ކުރިގެންދާ ފޯ ނޭޝަންސް ކަޕްގައި އިއްޔެ ހަވީރުގެ މެޗުތައް ކުޅެމުން ދިޔަ ވަގުތު ރިޒާގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި ވާއިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެ ސުކޫތަކީ ރިޒާ، ދިވެހި ގައުމަށް އަދި ކުޅިވަރަށް ކޮށްދެއްވާފައިވާ ހިދުމަތް ފާހަގަކޮށް އޭނާގެ ހަނދާނުގައި ގެނެސްފައިވާ ސުކޫތެއް ކަމަށެވެ.
މަހުލޫފް ވިދާޅުވީ ރިޒާ އަވަހާރަވިއިރުވެސް ގެންދެވީ އެފްއޭއެމްގެ އެޕީލްސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުން ކަމަށެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރައްވި ރިޒާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މެމްބަރުގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއް ވެސް މެއެވެ.
ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންވެސް ރިޒާގެ މަސައްކަތް ފެނިގެން ގޮސްފައިވާއިރު މީގެ ކުރިން ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ކޮމިޓީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.
ޕީޕީއެމްއާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި އެ ޕާޓީގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތުވެސް ކުރައްވާފައިވާ ރިޒާ ވަނީ 2013 ގެ އިންތިހާބުގެ މައްސަލައެއްގައި ސްޕްރީމްކޯޓުގައިވެސް ޕީޕީއެމްގެ ދިފާއުގައި ވަކާލާތު ކުރައްވާފައެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ފަސްކޮށްފައި ވާއިރު އެ ކޯލިޝަނުން ބުނީ ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި އެ ޕާޓީ އުފެދުނީއްސުރެ ރިޒާއަކީ އެޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.