މިދިޔަ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ 12:30 ހާއިރު މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ގެއިން ފެނުނީ އެ ހާދސިާގައި މަރުވި މީހެއްގެ ފައިތިލަ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އެތަން ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލައެއް ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

މިއަދު ފުލުހުން ބުނީ ނިރުފެހި އަލިފާނުގެ ހާދިސާގެ ތަހުގީގުގައި މިހާރު ކުރަމުން ދަނީ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި އެ ގެއިން ފެނުނު ފައިތިލަ މިހާރު ވަޅުލާފައިވާ ކަމަށެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ހަ ފިރިހެނަކު ހިމެނެއެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ފަސް ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ. އަދި އެ އެންމެންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެ ގައުމުތަކަށް އޭރު ވަނީ ފޮނުވާފައެވެ.

ފަހަކަށް އައިސް ގިނަ އަދަދެއްގެ އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގަމުން ދާތީ އެއީ ގަސްތުގައި ރޯކޮށްގެން ހިނގާ ހާދިސާތަކެއްތޯ ބަލަން ބޭރުގެ ފޮރެންސިކް ޓީމެއް ގެނެސް ތަހުގީގު ކުރާ ކަމަށް ބުނި ނަމަވެސް އެ ތަހުގީގުން ހާމަވީ ކޮންކަންތައްތަކެއް ކަމެއް ނުބުނެއެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ރާއްޖެ އައީ ފޮރެންސިކް އެކްސްޕާޓުންތަކެެއް ކަމަށާއި އެކަމުގައި އެއްވެސް ބަޔަކު އަޑީގައި ތިބިތޯ އާއި އަލިފާން ރޯކުރަނީ ގަސްދުގައިތޯ ބަލަން އެމީހުން ބައިވެރިވާނެ ކަމަށް ފުލުހުން އޭރު ބުންޏެވެ.