ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގުޅިފަޅުގައި އެފްކޮންސްގެ މުވައްޒަފުން ތިބި އެކޮމަޑޭޝަންގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސައިޓުން ފެނުނީ އޭރު ގެއްލުނު މީހާގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަން ސާފު ކުރުމުގެ ތެރޭގައި ފުލުހުންނަށް ވަނީ އެތަނުން އިންސާނެއްގެ ހަށިގަނޑު ކަމަށް ޝައްކު ކުރެވޭ ބައިތަކެއް ފެނިފައެވެ. އެ ތަކެތި ފެނުނު އިރު އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ތިބި މީހުން ހަމަތޯ ބެލި އިރު މުވައްޒަފެއް މަދުކަން ފާހަގަ ކުރެވި އޭނާ ގެއްލިގެން ވަނީ ހޯދާފައެވެ.

ފުލުހުން މިއަދު ބުނީ އެ މީހާގެ ހަށިގަނޑުކަން ޔަގީންވުމުން އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް މި ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޮނުވާލައިފާވާ ކަމަށެވެ.

އެ ހާދިސާ ހިނގި އެކޮމަޑޭޝަންގައި އެ ވަގުތު ތިބި 78 މުވައްޒަފަކަށް ވަނީ އަލިފާނުގެ ސަބަބުން އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އޭގެތެރެއިން 24 މީހަކު އެޑްމިޓްކޮށްގެން ފަރުވާދިން އިރު 24 މީހަކަށް ވަނީ ފިހިގެން ލިބިފައިވާ ކުދި އަނިޔާތަކަށް ފަރުވާ ދީފައެވެ. އަދި 4 މީހަކު ވަނީ އޮޕަރޭޝަން ވެސް ކޮށްފައެވެ. އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާވެފައި ލިބުނު އިރު އެ އެކޮމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅުނުނެވެ.

އެރޭ ހިނގި އެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާ ހުލިވެފައި ވާ އިރު އެ ހާދިސާއަށް ފަހު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން އެކަކު ގެއްލިގެން އެތަނުގައި ތިބި މުވައްޒަފުން ވަނީ ހަމަނުޖެހުން ވެސް ހިންގާފައެވެ.