މި އަހަރު 6 ޕާޓީއަކަށް ފައިސާ ލިބޭނެ ކަމަށާއި އެތަނުން އެމްއެންޕީއަށް ފައިސާ ދޫކުރާނީ ޖޫރިމަނާގެ 20،000 ރުފިޔާ ކަނޑާފައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީއިން ބުނީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅުމުން ސިޔާސީ ޕާޓީތައް ހިންގުމަށް މި އަހަރުގެ ބަޖެޓުން ކަނޑައެޅި 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އަދާލަތާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރާ ގޮތަށް ބަލާއިރު އެމްޑީޕީއަށް ވަނީ 14.2 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމަފަވެއެވެ.

ޕީޕީއެމަށް ދޫކުރަން ނިންމާފައި ވަނީ 9.5 މިލިއަން ރުފިޔާއެވެ. ޖުމްހޫރީ ޕާޓީއަށް މިއަހަރުގެ ބަޖެޓުން 5.6 މިލިއަން ރުފިޔާ ދޭން ނިންމާފައިވާއިރު އެމްޑީއޭއަށް 2.5 މިލިއަން ރުފިޔާ މިއަދު ދޫކުރުމަށް ނިންމާފައިވެއެވެ. އަދި އަދާލަތު ޕާޓީއަށް 2.4 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު އެމްއެންޕީއަށް 2.4 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވެއެވެ.

އީސީއިން ބުނީ އެމްއެންޕީއަށް ފައިސާ ދޫކުރަން ނިންމާފައިވަނީ ގަނޫނާ ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި 20،000 ރުފިޔާ ކެނޑުމަށްފަހު ކަމަށެވެ.