ކާފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރަން އެދޭނެ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ހުށަހެޅޭނީ އިސްތިއުނާފަށް ލުމަށް ފަހުކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ ކްރިމިނަލް ކޯޓުން ގިނަ ގޯސްތަކެއް ހަދާފައި ވުމާއެކު ރައީސް ޔާމީންއަށް ކަފާލާތުގެ ދަށުން މިނިވަންކަން ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ޖަމީލު އިތުރަށް ވިދާޅުވީ އިންސާފަކީ އެންމެންނަށްވެސް އޮތް ހައްގެއް ކަމަށާއި ކޯޓުން އިންސާފުވެރި ނުވުމަކީ ދެވޭ އަނިޔާއެއް ކަމަށެވެ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ގއ. ވޮޑަމުލާގެ މުއާމަލާތާ ގުޅިގެން ހުށަހެޅުނު މައްސަލައިގެ އިސްތިއުނާފު 2 އަހަރަށް ދިގު ދެމިގެން ދިގުދެމިގެން ދިޔަ ދިޔުމަށް އިޝާރާތް ކުރައްވައެވެ.

ރައްޖޭގައި ކަފަލާތުގެ ދަށުން މިނިވަން ކުރުމާ ގުޅޭ ތަފްސީލީ ގާނޫނެއް ނެތް ކަމަށާއި އިސްތިއުނާފީ މަރުހަލާތަކުގައި ދައުވާ ރައްދުވާ ފަރާތް ކަފާލާތުގެ ދަށުން މިނިވަންކުުރުމުގައި ކޯޓުތަކުން އަމަލު ކުރަނީ އެކި ފަހަރު އެކި ގޮތަކަމަށް ވެސް ޖަމީލުވަނީ ވިދާޅުވެފައެވެ.

ގިނަ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމަން ބޭނުންވެފަކަމަށާއި ރައީސް ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބުގައި ބައިވެރިވާނެ ކަމުގެ ޔަގީކަން ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން މިއަދުވެސް ވަނީ ދެއްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.