ޗައިނާގެ އެންމެ ނުފޫޒުގަދަ ޑިމްޕޮމެޓް ވޭންގް ޔީ ރަޝިއާއަށް ކުރައްވާ ދަތުރުގައި އެގައުމުގެ ހާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު، ރައީސް ވްލަޑިމިއާ ޕުޓިން އާ ބައްދަލު ކުރައްވައިފިއެވެ.

ޗައިނާގެ ޑިޕްލޮމެޓް ރަޝިއާ އަށް މި ވަޑައިގެންނެވި ވަގުތަކީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ ފެށި ހަނގުރާމަ އަށް އަހަރު ދުވަސްވެ އާ މަރުހަލާއަކަށް ފެށިފައި ވާ ވަގުތެވެ.

އިއްޔެ ގައުމާ މުހާތަބު ކުރައްވާ ޕުޓިން ވަނީ، ހަނގުރާމަ ކުރިއަށް ދާނެ ކަމަށާއި، ދުނިޔޭގެ ސުޕާ ޕަވާ އަކަށް ވުމަށް ހުޅަނގުން ދެކޭ ހުވަފެން ހަގީގަތަކަށް ވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވެ ގޮން ޖައްސަވާފައެވެ. އަދި ހަނގުރާމަ ކުރިއަށް ގެންދާނީ ފޭސް ތަކަކަށް ކަމަށާއި ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް ނިންމާނީވެސް ރަޝިއާއިން ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ޕުޓިން ދެއްކެވި ވާހަގައިގެ ތެރެއިން ހުޅަނގުން އެންމެ ކަންބޮޑުވީ، ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ނިއުކްލިއާ ވޯހެޑް ހުރި ރަޝިއާއިން، އެމެރިކާ އާއެކު ހަދާފައިވާ ނިއުކްލިއާ މުއާހަދާ ނިމުމަކަށް ގެންނަވާނެ ކަމަށް ޕުޓިން ވިދާޅުވުމުންނެވެ. އެއާއެކު ހުޅަނގުން ބުނެފައި ވަނީ، ރަޝިއާގެ އެ ނިންމުމަކީ ޣައިރުޒިންމާދާރު ނިންމުމެއް ކަމަށާއި އެއްވެސް ބަޔަކު ރަޝިއާ އަށް ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ. އެއާއެކު އެމެރިކާއިން ވެސް އެހެން ބުނެ އިތުރަށް ބުނީ، ރަޝިއާއިން ދީފަނެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރު ކަމަށާއި އަމިއްލަ ފަސްގަނޑާއި ބައިވެރިން ދިފާއުކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.

މިއަދު ރަޝިއާގެ ގާނުނޫ ހަދާ މަޖިލީހުން ވަނީ، އެމެރިކާ އާއެކު ހަދާފައި އޮތް މުއާހަދާ ނިމުމަކަށް ގެންނަން ފާސް ކޮށްފައެވެ.

ރަޝިއާ އާއި ހުޅަނގުގެ ގުޅުން ކެނޑި ހީނަރުވެފައި ވާ މި ދަނޑިވަޅުގައި ހުޅަނގުގެ ފާޑުކިޔުންތަކާއެކު ވެސް ރަޝިއާ އާ ގުޅުން ބާއްވާ އެއް ގައުމަކީ ޗައިނާއެވެ. ޗައިނާއިން ރަޝިއާއަށް ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދޭން އުޅޭ ކަމަށް ތުހުމަތު ކޮށް އެމެރިކާ އާއި ނޭޓޯން ސުރުހީ އުފައްދުމާއި، ރަޝިއާ އަށް އެހީވާނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމުގެ ބިރު ދައްކަދައްކާ އޮއްވާ ރަޝިއާއަށް ވަޑައިގެން ޔީ ވިދާޅުވީ، ޗައިނާގެ ސްޑޭންޑް ސާފު ކަމަށާއި ޗައިނާއިން ބޭނުންވަނީ ހަނގުރާމަ ހުއްޓި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުގެ ގައުމުތަކުގެ އިސްތިގުލާލު ކަށަވަރުވެފައި އޮތުން ކަމަށެވެ. އަދި އެކަން ހާސިލު ވެގެން ދާއިރު، ރަޝިއާ ބަލިވެ، ޕުޓިން ނިކަމެތިވެ، ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަން ނިގުޅައިގަނެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޔީގެ މިދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަގުކޮށުމެވެ. ޗައިނާގެ އޮފިޝަލުން ވިދާޅުވީ، ދެފަރާތުގެ ދެމެދުގައި ސުހްލަ ގާއިމު ކުރުމަށް ޗައިނާއިން އިސް ނަގައިފި ކަމަށާއި އެކަމަށް ޗައިނާގެ "ޕީސް ޕްލޭނެއް" ވެސް އެބައޮތް ކަމަށެވެ. އެ ޕްލޭންގެ ހުރިހާ ތަފްސީލެއް އަދި ހާމަ ކޮށްފައި ނުވިނަމަވެސް ޗައިނާގެ އެ ވާހަކަތަކަށް ޔޫކްރައިން އާއި ހުޅަނގުން ވަނީ މަރުހަބާ ކިޔާފައެވެ. ޗައިނާގެ ސުލްހައިގެ ޕްލޭނާ ގުޅޭ ގޮތުން ޖަރުމަނާއި، ފްރާންސް އަދި އިޓަލީ ފަދަ ގައުމުތަކާއެކު މިހާރުވެސް މަޝްވަރާ ފަށާފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޗައިނާގެ މި ހުށަހެޅުން ކާމިޔާބު ވެދާނެ ކަމާމެދު ހުޅަނގުގެ ބައެއް ޑިޕްލޮމޭޓުން ސުވާލު އުފައްދާފައި ވީ ނަމަވެސް، އދ ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މަންދޫބެއްގެ ހައިސިއްޔަތުން ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރުމުގައި ޗައިނާގެ ޒިންމާއެއް އޮތް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ޔީގެ ރަޝިއާ ދަތުރަށް ފަހު، މިއަހަރުގެ އޭޕްރީމް ނުވަތަ މޭ ހިސާބުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވެސް ރަޝިއާއަށް ވަޑައިގަންނަވާނެ ކަމަށް އެދަތުރާ ގުޅޭ ބައެއް މަސްދަރުތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.