އިންޓަނެޓް ބޭންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒް ކުރުމަށް ފަހު އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެ ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް ދެ ލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބީއެމްއެލްގެ ކިއުއާރު ކޯޑް ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް ދާދިފަހުން ބަދަލު ގެނެސްފައި ވާއިރު މީގެ ކުރިން ވަކި ލިމިޓެއް ނެތި ކުރެވޭއިރު މިހާރު ވަނީ ކިއުއާރު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން މުއާމަލާތް ކުރެވޭނީ ދުވާލެއްގެ މައްޗަށް 10 މުއާމަލާތް ކަމަށާއި އެންމެ މަތީ އަދަދަކަށް މުއާމަލާތް ކުރެވޭނީ 750 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބީއެމްއެލްގެ ސްކޭމްތަކުގެ އަޑުތައް ގަދަވެފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގެ ޔޫޒާ ނޭމްއާއި ޕާސްވޯޑް ހޯދުމުގެ އިތުރުން އިންޓަނެޓް ބޭންކިންއަށް އެކްސެސްވެ، ފިހާރަތަކަށް ކިއުއާރް ޕޭމަންޓްތައް ހަދަމުން އަންނަކަން ފާހަގަކުރެވިފައި ވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް އާންމުން ސަމާލުވާން ޖެހޭ ކަމަށެވެ.

އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު، ނޮޓިފިކޭޝަން ކަސްޓަމަރަށް ލިބޭނެ ކަމަށާއި އެފަދަ ލޮގިންއެއް އެ ކަސްޓަމަރަކު ނުކޮށް ހުއްޓާ ނޮޓިފިކޭޝަން ލިބޭނަމަ، ވީހާވެސް އަވަހަކަށް އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ބަދަލުކުރަން ސައީދު ވަނީ އެދިފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގައި ދަނީ އެކި އުކުޅުތައް ބޭނުންކުރަމުން ކަމަށާއި، މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނައިރު ބީއެމްއެލްގެ ފަރާތުންވެސް މިކަން ކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ ކުރިން ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒް ވުމުގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް ލިބޭ އޯޓީޕީ ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން، ބީއެމްއެލް އިން ވަނީ އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލާފައެވެ.