ދިރާސީ އާ އަހަރު ފަށާނީ އޯގަސްޓް 6 ވަނަ ދުވަހު ކަން އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި 2024-2023 ގެ އެކަޑެމިކް ކަލަންޑަރު ބުނާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގައި ޖުމްލަ 93 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަޖެހިފައި ވާއިރު ފުރަތަމަ ޓާމް ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ފުރަތަމަ ޓާމްގެ މިޑްޓާމް ޗުއްޓީ ވާނީ އޮކްޓޯބަރު 15 އިން އޮކްޓޯބަރު 29 އަށެވެ. އަދި ފުރަތަމަ ޓާމުގެ ޗުއްޓީ ވާނީ ޑިސެމްބަރު މަހުގެ 24 އިން އަންނަ އަހަރުގެ ޖެނުއަރީ 6 އަށެވެ.

2023-2024 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 އިން އެ އަހަރުގެ ޖޫން 13 އަށް ކަމަށް އެޑިއުކޭޝަނުން ނެރުނު އެކަޑެމިކް ކަލަންޑަރުން ދައްކައެވެ. އެހެންކަމުން ދެވަނަ ޓާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ 108 ދުވަހެވެ. ހަމައެއާއެކު ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ ވާނީ އޭޕްރީލް 7 އިން، އޭޕްރީލް 11 ވަނަ ދުވަހަށެވެ.

ފުރަތަމަ ޓަމްގެ 93 ދުވަހާއި ދެވަނަ ޓާމްގެ 108 ދުވަހާ އެކު މުޅި ދިރާސީ އަހަރު ކުދިންނަށް ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ 201 ދުވަހެވެ.

މި އަހަރުގެ އެކަޑަމިކް ކަލެންޓަރުގައިވާ ގޮތުން ސަރުކާރުން ބަންދު ދުވަހުގެ ގޮތުގައި ދަރިވަރުންނަށް 19 ދުވަހެއްގައި ސްކޫލްތައް ބަންދުވާނެއެވެ.