ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އަލުން ބާއްވަން އެދި ސިވިލް ކޯޓަށް ހުށަހެށި 3 މައްސަލައެއްގެ ތެރެއިން 1 މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

އެކަން ސިވިލް ކޯޓުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

އެ ކޯޓަށް ހުށަހެޅި ތިން މައްސަލައިގައި ވެސް އެދިފައި ވަނީ އެއް ކަމަކަށެވެ. އެތަނުން އެއް މައްސަލަ އަކީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރު ހުށަހެޅުއްވި މައްސަލައެކެވެ. ނަމަވެސް ސިވިލް ކޯޓުން ބަލައިގެންފައިވާ މައްސަލަ ހުށަހަޅާފައި ވަނީ އަލީ އަމްޖަދު ކިޔާ މީހެކެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނަ ކަމަށާއި، އެ ޕާޓީން 39،000 މެންބަރުން ވަކި ކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އަދި ކޯޓަށް ހުށަހެޅި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައި ވެއެވެ. ނަމަވެސް އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިހާރު ވަނީ ރިޔާސީ ޓިކެޓް ރައީސަށް އަރުވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ރައީސް ރައީސް ސޯލިހާ ވާދަކޮށް މުހައްމަދު ނަޝީދު ވަނީ 8 ހާސް ވޯޓުގެ ތަފާތުން ވަލިވެފައެވެ. ދާއިމީ ނަތީޖާ އިން ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލު ކުރަން ހުއްޓުވުމަށް ވެސް އަމުރަކަށް އެދިފައި ވީ ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ހަވާލު ކޮށްފައެވެ. އަދި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވެސް ވަނީ ދޭން ނިންމާފައެވެ.

އެމްޑީޕީ ގައުމީ މަޖީލީހުގެ ޖަލްސާގައި މި ނިންމުން ފާސްވެފައި ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑަިއގެން 85 މެންބަރުންގެ ތެރެއިން 81 މެންބަރުންގެ ވޯތާ އެކުގައެވެ. މި ޖަލްސާގައި ރައީސް ނަޝީދުގެ ފެކްޝަންގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.