މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމާމެދު ގޮތެއް ނިންމުމަށް އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ހާއްސަ ޓީމެއް ކަނޑައަޅައިފިއެވެ.

ހަ މެންބަރުން ހިމެނޭ މި ހާއްސަ ޓީމު ކަނޑައަޅާފައި ވަނީ އަދާލަތު ޕާޓީން ރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކު ކަނޑައެޅި ޓީމުގައި ހިމެނެނީ އިމްރާން އަބްދުالله (ރައީސް)، އަހުމަދު ޝަރީފް (ނާއިބް ރައީސް)، އިއާދު ހަމީދު (ނާއިބް ރައީސް)، އަހުމަދު ނައުޝާދު (ނާއިބް ރައީސް)، އަލީ ނަޒީރު (އިސްތަރުޖަމާނު)ގެ އިތުރުން އަހުމަދު ޝިޔާޒު (އަމީން އާންމު)އެވެ.

އަދާލަތުގެ މި ޓީމަކީ، އަންނަ އިންތިހާބުގައި ކޯލިޝަން ޕާޓުނަރުންގެ ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހު އެޕާޓީއަށް ފޮނުއްވި ސިޓީއާ ގުޅިގެން ރައީސަށް ތާއީދު ކުރުމުގެ ކުރިން، އެމްޑީޕީއާ މަޝްވަރާ ކުރަން އަދާލަތުން ނިންމުމާއެކު އެކުލަވާލި ޓީމެކެވެ.

އަދާލަތު ޕާތީގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ރިޔާސީ ޓިކެޓް މި މަހުގެ 17 ވަނަ ދުވަހު ރައީސް ސޯލިހު އަށް އަރުވާފައި ވާއިރު، ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ސޯލިހު އަށް ދީފައެވެ. އެހެންކަމުން ރައީސް ސޯލިހް ގެންދަވަނީ އިންތިހާބަށް، ކޯލިޝަނާ އެކު ނިކުމެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.

މި ގޮތުން ރާއްޖޭގައި ތިންވަނައަށް އެންމެ މީހުން ގިނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ އެކު ރައީސްގެ މަންދޫބުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ރައީސް ސޯލިހްގެ ފަރާތްޕުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އެ ޕާޓީން ގޮތެއް ނިންމާނީ މި މަހު 24 އިން 25 އަށް ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންފަރެސްގައެވެ. އެ ކޮންފަރެސްގައި މަގާމުތަކަށް މީހުން އައްޔަންކޮށް ޕާޓީގެ ކައުންސިލު އެކުލަވައިލުމުގެ އިތުރަށް ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށް ވަނީ ތާވަލު ކޮށްފައެވެ. ޖޭޕީ އަކީ މިހާރުވެސް ހިނގަމުންދާ ސަރުކާރުގެ މުހިންމު ބައިވެރިއަކަށް ވާއިރު، ނައިބު ރައީސްގެ ސްލޮޓުގައި މިހާރު ހުންނެވީވެސް ޖޭޕީގެ މެންބަރެއް ކަމަށް ވާ ފައިސަލް ނަސީމެވެ.

އަދާލަތު ޕާޓިން އެމްޑީޕީއާ އެކު މަޝްވަރާ ކުރަން ނިންމާފައިވާ އިރު، އެމްޑީޕީ ވަނީ ދެބަޔަކަށް ބެހިފައެވެ. އެ ގޮތުން ރައީސް ސޯލިހާ ދެކޮޅަށް ވަކާލަތު ކުރައްވަނީ އެމްޑީޕީ ޕްރައިމަރީައި އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އިސްކޮށް ހުންނަވައިގެން 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަންނަ ރިޔާސީ އިންތިހާބުގައި އެ ގޮފިން ތާއިދުކުރާނެ ކެންޑިޑޭޓަކު އަދި ނިންމާފައެއް ނުވެއެވެ.