ސިނަމާލެ ބްރިޖް ކައިރިން ދިޔަ ސައިކަލެއް ހުއްޓުވައި ބަލައި ފާސްކުރި އިރު، އިސްމާއިލް މާޒިން، ރެއްޗަފަރު، އދ. މަހިބަދޫ، ލައިގެން ހުރި ކޯޓުގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ސެޕްޓެމްބަރު 27، 2019 ގައި މާޒިން މަސްތުވާތަކެތި ހިފައިގެން ހުޅުމާލެއަށް ދާން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ސިނަމާލެ ބްރިޖު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް މޫންލައިޓް މަގުން ސައިކަލެއްގައި މާޒިން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގެން މަސްތިވާތަކެތީގެ މައްސަލައެވެ. އެ ދުވަހު އޭނާ ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ކޯޓުގެ ވާތްފަރާތު ޖީބުގައި އޮތް ފޮތިގަނޑެއްގެ ތެރޭގައި ހުރި ޓީޝޫތަކެއްގެ ތެރެއިން ނެގި ދެ ރަބަރު ޕެކެޓުން 169.4366 ގްރާމްގެ ކެނަބިސް ފެނިފައިވާ ކަަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކައެވެ.

މި މައްސަލައިގައި މާޒިން ވަނީ އޭނާގެ ކޯޓުގައި އެފަދަ އެއްޗެއް ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި އޭނާ ލައިގެން ހުރީ އޭނާގެ ކޯޓެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މާޒިން މި މައްސަލައިގައި ހައްޔަރު ކޮށް ފުލުހުން ތަހުގީގު ކުރި އިރު ވެސް އެފަދަ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި ކޯޓުގައި އެ ކަން ސާބިތު ކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު އެ ކޯޓުގެ އަސްލު ވެރިފަރާތެއްގެ ނަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން މި މައްސަލަ ބަލއި ވަނީ ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނެފައި ވަނީ، މާޒީން ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުގައި 25 އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. އަދި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާ ކަމަށެވެ. އެގޮތުން ޖޫރިމަނާ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ އިއްޔެއިން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައިގައި މާޒީންގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އޭނާ ވަނީ ހަތް މަހާއި 17 ދުވަސް ބަނދުގައި ހޭދަކޮށްފައެވެ. އެހެންކަމުން 25 އަހަރަށް އޭނާ އަށް ކުރި ހުކުމުން އެ ދުވަސްތައް އުނިކުރުމަށް ފަހު ޖަލުގައި ހޭދަކުރަން ޖެހޭނީ 24 އަހަރާއި ހަތަރު މަހާއި 13 ދުވަހެވެ.