ރާއްޖޭގައި ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ ފުރަތަމަ ނަމޫނާ ގެ ފަޅުތެރޭގައި އެޅި ޕްލެޓްފޯމް މަތީގައި މިއަދު ބަހައްޓައިފިއެވެ.

ރާއްޖޭގައި ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތްތައް ކުރުމަށް ބައިސަން މޯލްޑިވްސް އާ ހަވާލުކޮށްފައި ވަނީ 1 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުންނެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.

ކޮންސްޓްރަކްޝަންގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ބައިސަން އާ މި މަސައްކަތް ހަވާލު ކުރީ ފެބްރުއަރީ 10، 2022 ގައެވެ. މާލެއާ 5 މިނެޓް ދުރުގައި އާރަށް ކައިރީގައި ހަދާ ފްލޯޓިން ސިޓީގައި 5000 ގެ ހުންނާނެއެވެ. އެއީ ވިޔަފާރި އުސޫލުން ވިއްކާ ތަންތަނެވެ.

ފްލޯޓިން ސިޓީ މަޝްރޫއު އަކީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އިފްތިތާހު ކުރި މަޝްރޫއުއެކެވެ.

ފްލޯޓިން ސިޓީގައި ދިރިއުޅުމަށް ވިއްކާ ގެތަކުގެ އިތުރުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައި ވެއެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައި ވާ ކަމަށް މި ޕްރޮޖެކްޓް ހިންގާ ޑަޗް ޑޮކްލޭންޑުން ބުނެއެވެ.

ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓެއް ހަދަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެއްބަސްވުން ހެދިއެވެ. އެގޮތުން އެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ، ރައީސް ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރުވެސް ވަނީ ސޮއި ކޮށްފައެވެ.

ނެދަލެންޑްސްގެ އީޖާދެއް ކަމުގައިވާ ފްލޯޓިންގް އައިލެންޑްސް ބޭނުން ކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް 2 ފަހަރަކު ސޮއި ކުރި ފްލޯޓިން ޕްރޮޖެކްޓް ކުރިއަށް ގެންދަން މަސައްކަތް ކުރީ "ޑަޗް ޑޮކްލޭންޑްސް" ނަކަމަށް ކިޔާ ކުންފުންޏާ އެކުއެވެ. މި ކުންފުންޏަކީ ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ އިސް މުވައްޒަފެއްގެ މަސްލަހަތުވެސް އޮތް ކުންފުންޏެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު މަސްލަހަތު އޮތް މީހުން ރައީސް ޔާމީނުގެ ވެރިކަމުގައި ބަދަލު ކުރި އެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެ ކުންފުންޏަށް ލީ މީހާ ވަނީ އިސްތިއުފާ ދީފައެވެ.