މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ ފްލޯޓިން ސިޓީ ޕްރޮޖެކްޓްގެ އެއްބަސްވުމަށް ކުއްލި އަކަށް ބަދަލުތަކެއް ގެެނެސް, އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާއެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފިއެވެ.

ކުރިން ސޮއި ކުރި އެއްބަސްވުމަށް ބަދަލު ގެނެސް ރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާ ޑަޗް ޑޮކްލޭންޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކޭމްއެވެ.

ކުއްލި ގޮތަކަށް މި އެއްބަސްވުން ބަދަލުކޮށްފައި ވަނީ ދާދިފަހުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފްލޯޓިން ސިޓީއާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން މިހާރު ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ޕްރޮޖެކްޓާ އެ މަނިކުފާނާ ވެސް ގުޅުމެއް އޮތުމުން ކަމަށާއި ފްލޯޓިން ސިޓީގެ މަސައްކަތް ހުއްޓުވި އިރު، އެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓް ދެއްވި ކަމަށެވެ. އަދި އެކަމަކު އެ ޕްރޮޖެކްޓަކީ އެއްވެސް ދަރަންޏެއް ނެތް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެއްބަސްވުން ބަދަލުކޮށް އަލުން ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެއްބަސްވުމަށް ބަދަލު ގެނައުމަށް ނިންމީ ރިސޯޓެއްގެ ބައެއްގައި މީހުން އުޅޭ ތަންތަން އެޅޭނެ މަގުފަހިކޮށް ދިނުމަށް ކަމަށާއި އެ އެއްބަސްވުމަށް ގެނައީ ހަމައެކަނި "ޑިވެލޮޕްމެންޓަލް" ބަދަލެއް ކަމަށެވެ. މައުސޫމް އެހެން ވިދާޅުވި އިރު ކުރިންވެސް އޮތީ ހަމަ އެ ކޮންސެޕްޓަށް ތަރައްގީ ކުރާށެވެ. ނަމަވެސް އެތަން ހަދަން ދިން ފަޅުތައް ވިއްކާލާ އެ ކުންފުނިން ލާރި ނެގި އިރު ދައުލަތަށް ލިބުނެ އެއްޗެއް އޮތް ކަމެއް ސާފެއް ނުވެއެވެ.

ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވެން ޑީ ކޭޕް ވިދާޅުވީ އެ ކުންފުނިން މީގެ ކުރިން ވެސް އެތައް ހާސް ފްލޯޓިން ގެތައް އަޅައި މިފަދަ ގިނަ ޕްރޮޖެކްޓްތަކެއް ނެދަލޭންޑްސްގައި ހިންގާފައިވާ ކަމަށެވެ. އަދި އޮގަސްޓް މެދެއްހާ ހިސާބުގައި އާންމުންނަށް ފްލޯޓިން ގެތައް ފެނި، އެ ތަންތަން ހުންނާނެ ގޮތް ބަލައިލެވޭނެ ކަމަށް ވެސް ޕޯލް ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުން ބަދަލުކޮށްފައި ވާއިރު ދާދިފަހުން ރައީސް ނަޝީދަށް ރައްދުދެއްވައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި ސަރުކާރުން ދިން ތިން ފަޅު ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން 5،000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައި ވާއިރު 35 ލަގްޒަރީ ވިލާއާއި 900-1500 އަކަފޫޓުގައި ދެ ބުރިއަށް ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް އަޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ކަނޑައެޅީ ގެއެއް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވިއްކާށެވެ. އެހެން ނަމަވެސް ރާއްޖޭގައި ގެދޮރުގެ މައްސަލަ އޮތް މިންވަރު އެނގި އާންމުންނަށް ގަނެވޭނެ ފަދަ އަގަކަށް ބަދަލު ގެންނަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޕޯލް ވިދާޅުވިއެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ކުރިއަށް ގެންދާ ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗް ކުރީ މާޗު 14، 2021 އެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.