ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި ސަރުކާރުން ދިން ތިން ފަޅު ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވިދާޅުވެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ރާއްޖޭގައި ހަދަން ޕްލޭން ކުރި ފްލޯޓިން ސިޓީގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން މިހާރު ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ޕްރޮޖެކްޓާ އެ މަނިކުފާނާ ވެސް ގުޅުމެއް އޮތުމުން ކަމަށާއި ފްލޯޓިން ސިޓީގެ މަސައްކަތް ހުއްޓުވި އިރު، އެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓް ދެއްވި ކަމަށެވެ. އަދި އެކަމަކު އެ ޕްރޮޖެކްޓަކީ އެއްވެސް ދަރަންޏެއް ނެތް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ މަގެއް ޑަޗް ކުންފުންޏަށް ސަރުކާރުން މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ. އަދި މިހާރު ގަސްދު ކުރައްވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ޑަޗް ކުންފުންޏަށް ލަފާއަރުވަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވާ އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި އެޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެކުންފުންޏަށް ސަރުކާރުން ދޫކުރި ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ. އަދި އެކުންފުނިން އިކޮނަމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސް ނުވީ މުޅި މަޝްރޫއުގައި އޮޅުވާލުން އޮތުމުން ކަމަށާއި އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެ ކުންފުންޏަށް ދޫކުރި ފަޅުގައި ރިސޯޓް ތަަރައްގީކޮށް ނުވަތަ އާއްމުކޮށްފައިވާ ކޮންސެޕްޓާ އެއްގޮތަށް ގެތައް ނިންމަފާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ކުރިއަށް ގެންދާ ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗް ކުރީ މާޗު 14، 2021 އެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.