ރާއްޖޭގައި ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތްތައް ބައިސަން މޯލްޑިވްސް އާ ހަވާލުކޮށްފިއެވެ.

1 ބިލިއަން ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ މި މަޝްރޫއުގެ ދަށުން ހަދާ ފްލޯޓިން ގެތަކުގެ އަމަލީ މަސައްކަތް ފަށާފައި ވީ ނަމަވެސް ފުރަތަމަ ހަދަނީ ސާމްޕަލް އަކަށް ހަދާ 5 ގެ އެކެވެ. އެއީ ރައްޔިތުންނަށް ދައްކާލަން ހަދާ ފަސް ގެއެވެ.

ކޮންސްޓްރަކްޝަންގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ބައިސަން އާ މި މަސައްކަތް ހަވާލު ކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މާލެއާ 5 މިނެޓް ދުރުގައި އާރަށް ކައިރީގައި ހަދާ ފްލޯޓިން ސިޓީގައި 5000 ގެ ހުންނާނެއެވެ.

އެއީ ވިޔަފާރި އުސޫލުން ވިއްކާ ތަންތަނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޑަޗް ޑޮކްލެންޑްސް ކުންފުނީގެ ލޯކަލް ކޮންސަލްޓެންޓެއް ކަމަށްވާ އިބްރާހިމް ރިޔާޒް ބުނީ އެ މަޝްރޫގެ ދަށުން ތަރައްގީ ކުރަނީ މާލެ އަތޮޅު އުތުރުގައި އޮތް 200 ހެކްޓަރުގެ ފަޅެއް ކަމަށެވެ.

ފްލޯޓިން ސިޓީގައި ހުންނާނެ ތަންތަން:

  • 5000 ގެޔޮޓް މެރިނާއެއް
  • 2 ރިސޯޓު
  • އިންޓަނޭޝަނަލް ރެސްޓޯރެންސްޓް

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު އަކީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އިފްތިތާހު ކުރި މަޝްރޫއުއެކެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގައި ދިރިއުޅުމަށް ވިއްކާ ގެތަކުގެ އިތުރުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައި ވެއެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައި ވާ ކަމަށް މި ޕްރޮޖެކްޓް ހިންގާ ޑަޗް ޑޮކްލޭންޑުން ބުނެއެވެ.