އެމްޑަބްލިއުއެސްސީގެ ފެން ތާންގެއް ފަޅައިގެން ގޮސް، ތިލަފުށިން ފެން ކެނޑިއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި އެ ކުންފުނިން ބުނީ، ތިލަފުށީގެ ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ފެން ކެނޑިފައިވާ ކަމަށެވެ.

"ދަ ޕްރެސް" އިން ސުވާލުކުރުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ތިލަފުށީގައި ވަގުތީގޮތުން ހަދާފައި ހުރި ދެ ޕްލާންޓެއް ހުންނާނެ ކަމަށެވެ. އެތަނުން އެއް ފެން ތާނގި ފަޅައިގެން ދިޔައީ ރޭ ފަތިހު 4:50 ހާއިރު ކަމަށް، ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެން ތާނގި ފަޅައިގެން ދިޔަ ކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދަށް ވަޑައިގެން ސީސީޓީވީ ފުޓޭޖު ބެެއްލެވުމުން، ފެން ތާނގި ފަޅައިގެން ދިޔައީ ކުއްލިއަކަށް ކަން ފާހަގަކުރެވުނު ކަމަށެވެ.

ޝާހު ވިދާޅުވި ގޮތުގައި، އެ ފެން ޕްލާންޓްތަކަކީ ކެންވަސް އެތެރޭގައިލައި ބޭރުން ޓިނު ޖަހައި، ހަދާފައި ހުރި ވަގުތީ ފެން ތާންގެއް ކަމަށެވެ.

"އަސްލު ވެއާ އެންޑް ޓެއާ ވެގެން ގޮސް ދިމާލަކުން ފަޅައިގެން ގޮސް [ވަނީ]،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ދެވަނަ އަށް ހުރި ފެން ޕްލާންޓަކަށް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި، އެހެންކަމުން ޑިސްޓްރިބިއުޝަން ސިސްޓަމް ސާފުކޮށް، 2 ޖަހާއިރު ތިލަފުށްޓަށް ފެން ފޯރުކޮށްދޭން އަލުން ފެށޭވަރު ވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ތިލަފުށިން ފަތިހުގެ ވަގުތެއްގައި ފެން ކެނޑުނުއިރު، އެ ރަށުގައި ސިނާއީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ގިނަ އަދަދެއްގެ މީހުން އަބަދު ވެސް ހަރަކާތްތެރިވަމުން ދެއެވެ.

ފެނުގެ ހިދުމަތް މެދުކެނޑުމުން ދިމާވާ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.