ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފާރާތްޕުޅުން ވަފުދެއް، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާ ބައްދަލު ކުރަށްވައިފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ އިން ފެންނަ ގޮތުގައި އެއީ ސަން އައިލޭންޑްގައި ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފުކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯ އެކެވެ. މި ހާއްސަ ބައްދަލުވުމުގައި ރައީސް ސޯލިހްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު، އަދި ރައީސް ގެ ކޮއްކޯފުޅު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.
މި ބައްލުވުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން އަދި އެމްޑީޕީ އިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހް ނުކުމެވަޑައިގަންނަވާ އިރު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އެ ޕާޓީން ގޮތެއް ނިންމާނީ މި މަހު 24 އަދި 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސްއިންނެވެ. އެ ކޮންގުރެސްގައި މަގާމުތަކަށް މީހުން އައްޔަންކޮށް ޕާޓީގެ ކައުންސިލު އެކުލަވައިލުމުގެ އިތުރަށް ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށް ތާވަލު ކޮށްފަ އިވެއެވެ. ޖޭޕީ އަކީ މިހާރުވެސް ހިނގަމުންދާ ސަރުކާރުގެ މުހިންމު ބައިވެރިއަކަށް ވާއިރު، ނައިބު ރައީސްގެ ސްލޮޓުގައި މިހާރު ހުންނެވީވެސް ޖޭޕީގެ މެންބަރެއް ކަމަށް ވާ ފައިސަލް ނަސީމެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ކެނޑިނޭޅި ޕާޓީތަކުން މަސައްކަތް ކުރަމުން އަންނައިރު އިދިކޮޅު ޕީޕީއެމްގެ ކޯލިޝަން އިން ނެރުމަށް ހަމަ ޖެހިފައިވާ ކެންޑިޑޭޓް ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ނަމަވެސް، ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރި ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް އިދިކޮޅުން ދަނީ ބުނަމުންދެއެވެ.