އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރުވުމުގެ ދައުވާ ލިބޭ މާވިން އެސްވައި ވާގަސް އާއި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އަޑުއެހުން މާދަމާ އަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދާ މި އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީއަތުގައި އެންމެ ފަހުން ހެކިބަސް ނަގާފައިވަނީ 3 ނަރުހެއްގެ ފަރާތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްބިއުލާންސްގައި ސީންއަށް ދިޔަ ޝާއިނާ އިބްރާހިމްއާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ މައުމޫނާ އަހުމަދާއި ޝަރަފިއްޔާ އިބްރާހީމެވެ. ދެން ހެކިބަސް ނަގާފައިވަނީ މާވިންގެ މަންމަ، މައުރިކްއާއެކު އެގެއަށް ދިޔަ އައިޝަތު ފަޒްލާ ފަޒީލެލްގެ ހެކިބަހެވެ.

ޝާއިނާއަކީ އައިޖީއެމްއެޗްގެ ކޯލް ސެންޓަރަށް އެ ދުވަހު މާވިން ގުޅުމުން ޖަވާބު ދިން ނަރުހެވެ. މއ. އުދުހޭކޮކާގެ ފުރަތަމަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓްގައި މޭރީ އޮތް ކޮޓަރިއަށް ވަން އިރު ވެސް އޭނާގެ ވިންދު ހުއްޓިފައި އޮތް ކަމަށާއި ވަގުތުން ސީޕީއާރުދީ ފަރުވާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެމްބިއުލާންސްގެ ތެރޭގައި ވެސް ސީޕީއާރުދީ މޭރީއަށް ފަރުވާ ދެމުން ދިޔަ ކަމަށް ޝާއިނާ ބުންޏެވެ.

މައުމޫނާއާއި ޝަރަފިއްޔާއަކީ ލަމްހާއާއި މާވިންއާއި މޭރީ ވެސް ދަންނަ އަދި މޭރީއާ ގުޅޭ ގޮތުން ލަމްހާއާ އެކި ވާހަކަ ދައްކާފައި ތިބި ދެ ނަރުހުން ކަމަށްވާއިރު މައުމޫނާ ހެކިބަސް ދެމުން ބުނީ އޭނައަށް މޭރީ މަރުވި ކަމުގެ މައުލޫމާތު ލިބުނީ އައިޖީއެމްއެޗްގައި އެމަޖެންސީ ޑިޕާޓްމަންޓްގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަކުން ކަމަށެވެ.

އެ ހަބަރާއެކު ފުރަތަމަވެސް ލަމްހާއަށް ގުޅި ކަމަށާއި އޭރު އެ ދެމީހުންގެ ދެމެދުގައި އަސްލު އޮތް ގުޅުން ނޭނގޭ ކަމަށް މައުމޫނާ ފާހަގަކުރިއެވެ. މޭރީ ބާއްވާފައި އޮތް އެމަޖެންސީ ރޫމް ކައިރިން މާވިން ފެނުނުއިރު ލައިގެން ހުރީ ކޮނޑުކެނޑިއެއް ކަމަށާއި އޭނާގެ ކަނާތު އަތުގައި ވަކި އަޅާފައިހުރިކަން ފާހަގަވި ކަމަށް މައުމޫނާ ވަނީ ބުނެފައެވެ.

ލަމްހާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ދައުލަތުން އެއް ހެކިތަކެއް ހުށަހަޅާފައިވެއެވެ. އެއީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކާއެކު ޖުމްލަ 110 ހެއްކެވެ.

ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.