މިމަހުގެ ކުރީކޮޅު ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކުގައި އައި ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތެއްގައި ދަށުގައި ތާށިވި ތުރުކީގެ ހަޓޭސްޕޯއަށް ކުޅޭ ގާނާގެ ފޯވަޑް ކްރިސްޓިއަން އަޓްސޫ ސަލާމަތް ކުރި ކަމަށް ކުރިން ބުނި ނަމަވެސް އޭނާ މަރުވެފައިވާ އޮއްވާ ފެނިއްޖެ ކަމަށް އޭނާގެ އޭޖަންޓް ބުނެފިއެވެ.
ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައި ބިންހެލުމަށް ފަހު އަޓްސޫ ގެއްލިފައިވާ އިރު އޭނާގެ ކްލަބުން ވަނީ މީގެ ކުރިން އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ސަލާމަތްކުރި އިރު އަޓްސޫއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާ އެހެން ނަމަވެސް އަނިޔާތަކުގެ ތަފްސީލެއް ކްލަބުން ނުދެއެވެ. އެހެން ނަމަވެސް ހަޓޭސްޕޯއިން ވަނީ ފަހުން މި ހަބަރު ދޮގުކޮށްފައެވެ.
މީގެ ކުރިން އިންގްލިޝް ލީގުގެ ތިން ކްލަބަކަށް ވެސް ކުޅުނު އަޓްސޫގެ ހަށިގަނޑު ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ފެނިފައިވާ ކަން އޭނާގެ އޭޖަންޓް ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ އާއިލާއަށް ތައުޒިއްޔާ ކިޔާ ކަމަށާ އޭނާއަށް ހެޔޮ ދުއާ ކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އަޓްސޫގެ އޭޖަންޓް ވަނީ ބުުނެފައެވެ.
އުމުރުން 31 އަހަރުގެ އަޓްސޫ މީގެ ކުރިން ވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ނިއު ކާސަލް އަދި އެވަޓަންއަށް ވެސް ކުޅެދީފައެވެ. އޭނާ ތުރުކީގެ ހަޓޭސްޕޯއާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭނާ ވަނީ މިމަހުގެ 5 ވަނަ ދުވަހު އެޓީމުން ތުރުކީ ލީގުގައި ކުޅުނު މެޗުގެ 97 ވަނަ މިނެޓްގައި ލަނޑެއް ޖަހާ 1-0 އިން ޓީމަށް އެ މެޗު ކާމިޔާބުކޮށް ދީފައެވެ.