ހަތިޔާރު އެޅި ތިބި ޕާކިސްތާންގެ ތޯލިބާނުން އެގައުމުގެ ކަރާޗީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހަމަލާދީ ބަޔަކު ޒަހަމް ކޮށްލައިފިއެވެ.
އަތުބޮމާއި ބަޑިން ހަމަލާދިން އިރު އެ ކަމުގައި 10 ވަރަކަށް މީހުން ބައިވެރިވި ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ހަމަލާގެ ޒިންމާ އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ތާރީކޭ ތޯލިބާން ޖަމާއަތުން ވަނީ އުފުލާފައި ކަމަށްވެސް ބުނެއެވެ.
އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ހާން ވިދާޅުވީ، 5 ނުވަތަ 6 މީހަކު ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށާއި އެމީހުން މަސައްކަތް ކުރީ ހެޑްކްއާޓަރުގެ ތެރެއަށް ވަދެގަންނަން ކަމަށެވެ.
ސިންދް ޕްރޮވިންސްގެ ތަރުޖަމާނަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ސަލާމަތީ ބާރުތަކުން މިހާރު ވަނީ ހަނގުރާމަވެރިން ވަށާލާފައެވެ. ނަމަވެސް އަދިވެސް ހަމަލާ ބަދަލު ކުރުން ކުރިއަށް ދާ ކަމަށާއި، ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ތެރެއިން 2 މީހަކު މަރާލެވިފައި ވާ ކަމަށެވެ.
މިހާދިސާގައި ފުލުހުންގެ 3 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ޕާކިސްތާނުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރާ ތޯލިބާން ޖަމާއަތަކީ، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާނުންނާ ގުޅުން އޮންނަ ބައެކެވެ. ހުސްވި އަހަރުގެ ނޮވެމްބަރާ ހަމައަށް އެމީހުން ތިބީ ސަރުކާރާ އެކު ސުލްހަ ވެގެން ނަމަވެސް އެއްބަސްވުން އުވާލި ފަހުން ދޭތެރެ ދޭތެރެއިން ސަރުކާރުގެ މަގާމުތަކަށް ހަމަލާތައް ދެމުން ގެންގޮސްފައި ވެއެވެ. އެގޮތުން، ޕާކިސްތާނުގެ އެތަން މިތާނގައި ހުންނަ ފުލުހުންގެ މަގާމުތަކަށް ހަމަލާ ދިނުމުގެ އިތުރުން، މިސްކިިތްތަކުގައި ބޮން ގޮއްވާ ހަދާފައި ވެއެވެ.
މިހަމަލާގެ ޒިންމާ ތޯލިބާނުން އުފުލާފައި ވީ ނަމަވެސް، މިހަމަލާގެ ފަހަތުގައި ވާ ކަންކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. މިހަމަލާއާ ގުޅޭ ގޮތުން ސަރުކާރުން ވެސް ވަކި އެއްޗެއް އަދި ހާަމައެއް ނުކުރެއެވެ.