މި މަހުގެ ކުރީކޮޅު ގެއްލުނު އައްޑޫ މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ހޯދިއްޖެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އާސިރު ހޯދާފައި ވަނީ އޭނާ ގެއްލުނުތާ 13 ވަނަ އަށް ވީ ދުވަހުގައެވެ.

އާސިރު ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ 7:30 ހާއިރެވެ. އާސިރު ހޯދުމަށްޓަކައި ކުރި މަސައްކަތުގެ ތަފްސީލް ފުލުހުން އިއްޔެ ހިއްސާކޮށްފައިވެއެވެ.

އެގޮތުން އާސިރު މިހާރު ދިރިއުޅޭ ގެ ކަމަށްވާ ހ. އަލްޝާވިލާ ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ކެމެރާތަކާއި، ވެލާނާ އެއާޕޯޓުގައި ހަރުކޮށްފައި ހުރި ކެމެރާ ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނަ ސީސީޓީވީ ފުޓޭޖް މިހާތަނަށް ބަލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އެގޮތަށް ބެލިބެލުމުން:

  • މި މަހު 4 ވަނަ ދުވަހުގެރޭ 7:20 ހާއިރު އާސިރު ހުދު ކުލައިގެ ޓެކްސީއެއްގައި އެއާޕޯޓަށް ގޮސްފައިވާކަން ފުޓޭޖުތަކުން ހާމަވެފައިވޭ
  • ނަމަވެސް އެއާޕޯޓަށް ވަންނަ ސަރަހައްދުގައި ކެމެރާ އެއް ނެތުމުން، އޭނާ ދިޔަ މިސްރާބެއް ދެނެގަނެވިފައެއް ނުވޭ

އެހެންކަމުން އެއާޕޯޓު ފަޅުގައި ހުރި އޮޑިދޯނިފަހަރާއި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން ފެނޭތޯ ބަލައި، އެއްވެސް ބުކިން އެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި، އާސިރު އެއްވެސް ރަށަކަށް ނުވަތަ ބޭރު ގައުމަކަށް ފުރައިގެން ނުދެއެވެ.

އެއަށްފަހު، އާސިރު އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ ޑްރައިވަރާ ސުވާލުކުރި ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާން ކުއޯޓްކޮށް ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، އާސިރު ހޯދުމަށް ފުލުހުން ކުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. ރޭ ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، އާސިރު ފެނިއްޖެ ކަމަށެވެ. އާސިރުގެ ހާލު ރަނގަޅުކަމަށް ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ބުންޏެވެ.

މި މަހުގެ ކުރީކޮޅު ގެއްލުނު އާސިރު ފެނިފައިވާއިރު، މިދިޔަ މަހު ފަހުކޮޅު އއ. މަތިވެރިން ގެއްލުނު އެ ރަށު ހަސަން އަލީ (ހަސަންފުޅު) އަދިވެސް ފެނިފައި ނުވެއެވެ. އޭނާ ހޯދުމަށްޓަކައި އެ ރަށުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ.