ތިލަފުށިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލާ ގުޅިގެން ދިވެހި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ދިވެހި ވިޔަފާރިންނަށް ފުރުސަތު ކުޑަވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ވިޔަފާރިވެރިން ވަނީ ރައީސާ އިއްޔެ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ވިޔަފާރިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ބޭރުގެ ވިޔަފާރިތަކަށް 99 އަހަރަށް ތިލަފުށިން ބިން ދޫކުރާނަމަ، ދިވެހި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ހަނިވުމެވެ.

މިކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސާ އެކު ވިޔަފާރިވެރިން ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިވެރިންނަށް ގެއްލުންވާނެ ފަދަ އެއްވެސް އުސޫލެއް ނޯންނާނެ ކަމާއި، ތިލަފުށީގެ ބިމުގެ މައްސަލައިގައި ވިޔަފާރިވެރިންނަށް ގެއްލުމެއް ނުލިބޭ ގޮތަށް ކަންކަން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ބޭރު ވިޔަފާރިވެރިން ރާއްޖޭގެ އެކި ކަންކަމަށް އިންވެސްޓުކޮށްގެން ތިބޭއިރު، ތިލަފުށިން ބިން ދޫކުރާނީ ގުދަން ކުރުން ފަދަ ކަންކަމަށެވެ.

"ރާއްޖޭގައި އެކި އިންވެސްޓްމަންޓްތައް ކުރައްވައިގެން ވެސް އެބަ ތިއްބެވި ހަމަ ބޭރުގެ އިންވެސްޓަރުން. މިސާލަކަށް ބަލާލާއިރު 99 އަހަރަށް ދޫކޮށްފައި ހުރި ރިސޯޓްތައް އެބަހުރި. އެ ތަންތަނުގެ ތަންކޮޅެއް ގިނަ ރިސޯޓްތައް ގެންގުޅުއްވާ ބޭފުޅުންވެސް ތިއްބާފާނެ. އެ ބޭފުޅުންގެ މުދާ ބެހެއްޓުމަށް ވެސް ބިން ކުއްޔަށް ނެގިދާނެ. ނަމަވެސް އޭގެ މާނައަކީ އެ މުދާ ރާއްޖޭގެ ބާޒާރުގައި ވިއްކުމެއް ނޫން،" މިއުވާން ވިދާޅުވިއެވެ.

ތިލަފުށިން ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ އެޗްޑީސީން އިއުލާނުކުރި އިރު، އެ އިއުލާނުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގައި ބުނާ ގޮތުން، އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެއެވެ. އެގޮތުން ހުށަހަޅާ ބީލަމުގައި ދިވެހިން އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ އުސޫލުގައިވެއެވެ.

އެ އިއުލާނުގައިވާ ގޮތުން ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެއެވެ. ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޭނެއެވެ.