ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައަޅާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ރިޕޯޓުން ފާހަގަ ވެއްޖެއެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އޭސީސީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދިރާސާ ނިންމައި ރޭ ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބަލާފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ގާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ.
އޭސީސީއިން ބުނީ އެ ދިރާސާއިން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ ކަމަށެވެ. އަދި އެސެޓް ރިކަވާ ކުރުމަށް ވަށާޖެހޭ ގާނޫނެއްނެތުމުން ދިމާވާ ގޮންޖެހުންތައްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޭސީސީއިން ބުނީ އެ ދިރާސާގެ މައިގަނޑު މަގްސަދަކީ ކުށްކުރުމުގެ ސަބަބުން ދައުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އެ ނިޒާމުގެ މުއައްސަސީ އޮނިގަނޑާއި ގާނޫނީ އޮނިގަނޑު އޮތްގޮތް ދިރާސާކޮށް އެ ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމަށް އިރުޝާދާއި ލަފާދިނުން ކަމަށެވެ.
އެ ދިރާސާގައި ޑޮކްޓްރިނަލް ލީގަލް ރިސާޗް މެތަޑް ބޭނުންކޮށްފައިވާއިރު އެފަދަ މައްސަލަތަކާ ގުޅުންހުރި ގާނޫނީ ލިޔެކިޔުންތައްވެސް ވަނީ ދިރާސާކޮށްފައެވެ.