މިހާރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރި ނަމަވެސް މުސާރައާއި އިނާޔަތްތައް ލިބޭނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ބުނެފިއެވެ.

ހަސަން ސައީދު ސަސްޕެންޑްކޮށްފައި ވަނީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައި ވާތީ ކަމަށް ޖޭއެސްސީ އިން ބުނެފައި ވެއެވެ. އެގޮތުން ފެމިލީ ކޯޓުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރެއްވިކަން ވަނީ ސާބިތުވެފައެވެ. އެއީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެކެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް އެއިރުގެ ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް އޭރު ލަފާދެއްވާފައިވާ ކަމަށް ޖޭއެސްސީ އިން މިއަދު ބުނެފައި ވެއެވެ.

ފެމިލީ ކޯޓަށް ހުށަހަޅާ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށް ވީނަމަވެސް ހަސަން ސައީދު ދެއްވި ލަފާގެ ސަބަބުން ގާނޫނާއި ގަވާއިދާއި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައި ވާކަން ސާބިތުވާ ކަމަށް ޖޭއެސްސީ އިން ބުނިއެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްކޮށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައެވެ.

ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި، ގާނޫނުއަސާސީ އާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސް ކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުން ދާނެ ކަމަށެވެ.