ޗާންދަނީ މަގު ރެޑްބީ ފިހާރާގައިގެ ފުރަގަހުން ހުންނަ މއ. އާހިޔަ ގުލްޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 9:30 ހާއިރު ކަމަށެވެ.

ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައި ވާއިރު އެ ހާދިސާ ހިނގީ އެ އިމާރާތުގެ ތިރީގައި ހުންނަ ކަރަންޓް ބޯޑެއްގައި ރޯވެގެން ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު އެ ގޭގައި އެވަގުތު ހުރި މީހަކު "ދަ ޕްރެސް" އަށް ބުނީ، އަލިފާން ރޯވީ ބޯޑުގައި ކަމަށް ފެން ނުޖެހެނޭތީ ބެލީ ކައިރި ހިސާބަކުން އަލިފާން ނިއްވާ ފޯމް ފުޅިއެއް ލިބޭތޯ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ޢަހިޔާ ގުލްޝަނަށް ފަޔާ ފައިޓަރުންނާއި ފުލުހުން ވަންނަނީ / ފޮޓޯ: އަހުމަދު އިޔާދު -- ދަ ޕްރެސް

އަލިފާން ރޯވި ގެއަކީ، ގިނަ އަދަދެއްގެ މުދަލާއެކު ޗާންދަނީ މަގުގައި ހިންގާ ރެޑް ބީ ފިހާރަ އާ ކައިރިކަމުން ގިނަ ބަޔަކު ފުރަތަމަ ހީކުރީ ރޯވީ އެ ފިހާރައިގައި ކަމަށެވެ.

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި އަލިފާނުގެ ތަފާތު ހާދިސާތައް ހިނގާ އިރު، މިފަހުން، ރޭ ވަނީ ފުވައްމުލަކު ސިޓީ ދޫޑިގަން އަވަށު ޗަސް ބިން ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

އަދި ފަހުގެ ތާރީހުގައި މާލޭގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު ނީލަން ފިހާރާގައިވެސް މި ފަހަކުން ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. މީގެ އިތުރުން އިވްނިން ކެފޭގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާ ބޭނުން ނުކުރެވޭ ވަރަށް އެތަން އަނދާފައެވެ.

މި ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަން ރާއްޖެއިން ބޭރުގެ ފޮރިންސިކް ޓީމެއް ގެނެސް ތަހުގީގު ކުރަންވެސް ވަނީ ފަށާފައެވެ.