އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އާސަނަލްއާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 1-3 އިން ސިޓީ ކާމިޔާބުކޮށްފިއެވެ. މިއާއެކު ސިޓީ މިވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސަނަލް ފަހަތަށް ޖައްސާލުމަށް ފަހު އެ ޖާގައަށް އަރާފައެވެ.

ރޭގެ މެޗަކީ ލީގުގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗަށް ވީ އިރު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ސިޓީންނެވެ. އާސަނަލްގެ ޑިފެންޑަރު ޓޮމިޔާސޫއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސިޓީއަށް ލަނޑު ޖަހާ ދިނީ ކެޕްޓަން ކެވިން ޑެބްރައިނާއެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި އާސަނަލްއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީއަކުން ބަކަޔޯ ސާކާއެވެ.

އެހެން ނަމަވެސް ދެވަނަ ހާފްގައި ސިޓީން ކުޅުނު ރަނގަޅުކޮށް މެޗުގެ 72 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އަނެއްކާވެސް ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޖެކް ގްރީލިޝްއެވެ. އޭނގެ 10 މިނެޓް ފަހުން ސިޓީގެ ހާލަންޑް ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ކަށަވަރުކޮށްދީފައެވެ. މިއީ މިސީޒަންގައި ހާލަންޑް ޖެހި 32 ވަނަ ލަނޑެވެ.

މި ސީޒަންގައި އަލަށް ސިޓީއާ ގުޅުނު ހާލަންޑް/ފޮޓޯ: ސިޓީ ޓުވިޓާ

މި މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ސިޓީ ތާވަލުގެ އެއްވަނައަށް އެރި ނަމަވެސް އެޓީމު ކުރީގައި އޮތީ ގޯލް ޑިފަރެންސްގެ ތަފާތުންނެވެ. އަދި ސިޓީ ވަނީ އާސަނަލްއަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.