ޗެމްޕިއަންސްގެ ލީގުގެ ގަދަ 16 ގައި އިޓަލީގެ ޗެމްޕިއަންސް އޭސީ މިލާންއާއި އިންގްލޭންޑްގެ ޓޮޓެންހަމް ބައްދަލުކުރި މެޗު 1-0 އިން މިލާން ކާމިޔާބުކޮށްފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 7 ވަނަ މިނެޓްގައި ބްރާހިމް ޑިއެޒްއެވެ. މިލަނޑަކީ މިލާންގެ ޑިފެންޑަރު ތިއޯ ހަނާންޑޭޒް ފޮނުވާލި ޝޮޓެއް ޓޮޓެންހަމްގެ ކީޕަރު ސޭވް ކުރުމުން ޑިއޭޒް ޖެހި ލަނޑެކެވެ.

މިމެޗުގައި ޓޮޓެންހަމްއާ މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންގެ ފަރާތުން މާ މޮޅު ކުޅުމެއް ނުފެނެއެވެ. ބަދަލުގައި މިލާންއިން ވަނީ ހިތްވަރާއެކު ޑިފެންޑްކޮށްފައެވެ. އަދި 1-0 ގެ ސްކޯލައިން އިތުރަށް ފުޅާކުރާނެ ދެ ފުރުސަތެއް ލިބުނު ނަމަވެސް މިލާންގެ ކުޅުންތެރިން ފޮނުވާލި ޝޮޓްތައް ދިޔައީ ކިރިޔަ ކިރިއާ ބޭރަށެވެ.

މި ދެ ޓީމުން ވާދަ ކުރާ ޓައިގެ ދެވަނަ ލެގް އޮންނާނީ މާޗް 8 ގައެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅޭނެ މިމެޗުގައި ދެ ގޯލުގެ ތަފާތަކުން މޮޅުވެގެން އެޓީމަށް މުބާރާތުގައި ކުރިއަށް ދެވިދާނެއެވެ. އެމެޗުގައި 0-0 ގެ ނަތީޖާއެއް ނެރެގެން ވެސް މިލާންއަށް ގަދަ 8 އަކަށް ދެވޭއެވެ.

މިރޭ ވެސް ޗެމްޕިއަންސްގެ ލީގުގެ ގަދަ 16 ގެ ދެ މެޗެއް ކުޅޭނެއެވެ. މިރޭ ޖާމަނީގެ ބޮރޫޝާ ޑޯޓްމަންޑްއާ އިންގްލޭންޑްގެ ޗެލްސީ ވާދަކުރާ އިރު ޕޯޗުގަލްގެ ބެންފީކާއާ ބެލްޖިއަމްގެ ކްލަބް ބްރޫޖް ވެސް މިރޭ ކުޅޭނެއެވެ. މިމެޗުތައް ދައްކާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާ އިރުއެވެ.