ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް އައި ބާރުގެދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ނަމުގައި ބޮޑު ސްކޭމެއް ހިންގަމުން އެބަދެއެވެ.

ދިވެހިންގެ ތެރޭގައިވެސް މަގްބޫލު ގިނަ ޕްލެޓްފޯމް ތަކުގައި މި ސްކޭމް ހިންގާ އިރު، އާންމުވެފައި ވާ ބައެއް ލިންކްތަކުގައި ބުނެފައި އޮންނަނީ، "Let's help Turkey", "Pray for Turkey" and "Donate for earthquake victims" ފަދަ ޖުމްލަތަކެވެ. ދެން އޮންނަނީ ފައިސާ ފޮނުވާންވީ ޕޭޕާލް އެކައުންޓްތަކާއި، ބިޓްކޮއިން އައދި ކްރިޕްޓޯ އެކަންއުންޓްތަކުގެ ލިންކް ތަކެވެ.

މި ސްކޭމްތައް ހިންގާ އެކައުންޓްތަކުން ތުރުކީގެ މަންޒަރުތައް ކަމަށް ވުނެ ވެއްޓިފައިވާ ގެދަތަކުގެ ދަށުން މީހުން ސަލާމަތް ކުރާ މަންޒަރުތަކާއި، ފޮޓޯއާއި ގުޅުން ހުރި އެހެން ވީޑިއޯތައް ހިއްސާ ކުރެއެވެ. އަދި "LIVE" އަރުވައިގެން ވަގުތުން ފެންނަ މަންޒަރުތައް ގޮތުގައިވެސް ދައްކައެވެ.

މިހެން ބައެއް މަންޒަރުތައް ދައްކާއިރު، މަންޒަރުގެ ބައެއް ބައިތައް ޕިކްސަލޭޓް (އެހާ ސާފު ނުވާގޮތަށް) ކޮށް ދައްކާ ކަމަށާއި އެއާއެކު އޮންނަ ލިންކްތަކަށް ފިތާ ފައިސާ ހަދިޔާ ކުރުމުން އެ ފައިސާ ދަނީ ސްކޭމަރުންގެ އެކައުންޓްތަކަށް ކަމަށް ވެސް ބުނެއެވެ.

ސްކޭމަރުންގެ މަޅީގައި ޖެހި ގިނަ ބަޔަކު މިހާރުވެސް ފައިސާ ފޮނުވާފައި ވާކަން ފާހަގަ ކުރެވޭ ކަމުގައި ސެކިއުރިޓީ އެކްސްޕާޓުން ވަނީ ބުނެފައެވެ.

މި ސްކޭމަރުން އެންމެ ގިނައިނ ބޭނުން ކޮށްފައި ހުންނަނީ ޓިކްޓޮކާއި ފޭސްބްކް އަދި ވަޓްސްއެޕް ފަދަ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކެވެ. އިންވެސްޓިގޭޓަރުން ބުނާގޮތުން، މި ޕްލެޓްފޯމްތަކުގެ ތެރެއިން ވެސް ޓިކްޓޮކްގައި ހިންގާ ސްކޭމް ގިނަ ކަމަށާއި، އެ ސްކޭމްތަކުން ޓިކްޓޮކަށްވެސް ލާރި ލިބެއެވެ. އެ ކޮންމެ ޑިޖިޓަލް މުއާމަލާތަކަށް ޓިކްޓޮކް އިން ޕަސެންޓެއް ޗާޖު ކުރާ އިރު، ގާތްގަނޑަކަށް 70 ޕަސެންޓާ ހަމައަށް ޓިކްޓިކުން ޗާޖް ކުރެއެވެ.

ތުރުކީ އާތްކްއޭކް ރިލީފް ނަމުގައި ހަދާފައި އޮތް އެކައުންޓް

މީގެ އިތުރުން ތުރުކީ އާތްކްއޭކް ރިލީފް ނަމުގައި ޓްވިޓާގައި ފޭކް އެކައުންޓް ހަދައިގެންވެސް ދަނީ ލާރި ހޯދަމުންނެވެ.

އެ އެކައުންޓުގައިވެސް ފައިސާ ފޮނުވަން ޕޭޕަލް އެކައުންޓެއް ޖަހާފައި އޮންނަ އިރު، އެ އެކައުންޓަށް މިހާތަނަށް 900 އެމެރިކާ ޑޮލަރު ލިބިފައި އޮތް ކަމަށް ދައްކައެވެ. އަދި އެއީ އޯތަންޓިކް (ސައްހަ) އެކައުންޓެއްކަން ދެއްކުމަށް، އެ އެކައުންޓް ހެދި ފަރާތުން އޭނާގެ ނަމުގައި އެ ފަންޑަށް 500 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެސް ވެއެވެ.