އެމެރިކާ މަތިން ދަނިކޮށް މިސައިލް ހަމަލާއެއް ދީ ވައްޓާލީ މޫސުމާ ބެހޭ ދިރާސާ ކުރާ ޗައިނާގެ ބެލޫންގައި ހުރި ސެންސަރުތައް ކަނޑުން ނަގައިފި ކަމަށް ބުނެފިއެވެ.
އެމެރިކާގެ އޮފިޝަލުން ބުނާގޮތުން، އެ ބެލޫންގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޑިވައިސްތަކާއި 30-40 ފޫޓުގެ އެންޓަނާއެއް ހަރުކޮށްފައި ހުއްޓެވެ. އެތަކެތި ހޯދާ މިހާރު ތަހުލީލަށް ގެންގޮސްފައި ވާ އިރު، އެމެރިކާއިން ތުހުމަތު ކުރަނީ، އެ ބެލޫނަކީ އެގައުމުގެ ހައްސާސް ތަންތަނަށް ފާރަލައި ޖާސޫސް ކުރުމަށް ޗައިނާއިން އެރުވި ބެލޫނެއް ކަމަށެވެ.
އެ މައްސަލައިގައި ޗައިނާ އާއި އެމެރިކާ އާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައި ވާ އިރު، އެމެރިކާ ހިމެނޭ ބައްރުގެ އެކި ސަރަހައްދުތަކުން ދަތުރު ކުރަމުން ދިޔަ ގޮތް ނޭނގޭ 3 އެއްޗެއް އެމެރިކާއިން ވައްޓާލާފައި ވާ ކަމަށްވެސް ބުނެއެވެ. ނަމަވެސް އެތަކެތި ވައްޓާލި ސަރަހައްދުތައް ބުނުން ފިޔަވައި އިތުރު ތަފްސީލެއް އެމެރިކާއިން ދީފައެއް ނުވެއެވެ. އޭގެ ތެރެއިން ޗައިނަ ބެލޫން ކެރޮލިނާގެ ދެކުނުން ވައްޓާލިއިރު، ދެވަނަ އެއްޗެއް ވައްޓާލީ އަލަސްކާއާ ދިމާ މަތިންނެވެ. ތިން ވަނަ އެއްޗެއް ކެނެޑާގެ ޔުކޮން އާ ދިމާއިން ވައްޓާލި އިރު 4 ވަނަ އެއްޗެއް ވައްޓާލީ މިޝިގަންގެ ލޭކް ހުރޮން އާ ދިމާ މަތިންނެވެ.
މިއިން ކޮންމެ އެއްޗެއް ވައްޓާލުމަށް އެމެރިކާގެ ފައިޓާ ޖެޓްތަކުން ފޮނުވާލި ކޮންމެ މިސައިލެއްގެ އަގަކީ 400،000 އެމެރިކާ ޑޮލަރެވެ. މި ހަރަދު ދިޔަ ނަމަވެސް އެ ތަކެތި ވައްޓާލީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި، އެ ތަކެއްޗަކީ ޗައިނާގެ ބެލޫނަށް ވުރެ ސައިޒްގެ ގޮތުން ކުޑަ މަޑުމަޑުން ދަތުރު ކުރަމުން ދިޔަ ތަކެތި ކަމަށްވެސް ބުނެފައި ވެއެވެ.
އޮފިޝަލުން ބުނާ ގޮތުން، އަލަސްކާ މަތިން ދަތުރުކުރަމުން ދިޔައީ ކުޑަ ކާރެއްގެ ސައިޒްގެ އެއްޗެކެވެ. ކެނެޑާގެ ޔޫކޮންގެ މަތިން ދިޔައީ ސިލިންޑަރެއްގެ ބައްޓަމަށް އޮތް އެއްޗެއް ކަމަށް ބުނާ އިރު، މިޝިގަން މަތިން ދިޔައީ، އެމެރިކާގައި ހުންނަ ޕެންޓަގަން ބައްޓަމަށް އޮތް އެއްޗެއް ކަމަށް ވެސް ބުނެއެވެ.
މި ގޮތް ނޭނގޭ އެއްޗެއްސަކީ ޔޫއެފްއޯތޯ ސުވާލުކުރުމުން އެމެރިކާއިން ބުނެފައި ވަނީ އެއީ އެފަދަ އެއްޗެއް ނޫން ކަމަށެވެ.
ޗައިނާގެ ބެލޫންގެ މައްސަލައިގައި ދެގައުމުގެ އަސްކަރީ އޮފިޝަލުން މަޝްވަރާ ކުރަމުން ދާ އިރު، އެމެރިކާއިން ވަނީ ޗައިނާ ސަރުކާރަށް އަސްކަރީ ގޮތުން އެހީތެރިވެދޭ ޗައިނާގެ 6 ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ. އެގޮތުން އެ ކުންފުނިތަކަށް މީގެ ކުރިން ދެމުން ގެންދިޔަ އެމެރިކާގެ ބައެއް އުފެއްދުން، މެޝިން ނުވަތަ ޓޫލްސް ދިނުން ވެސް ވަނީ ހުއްޓާލާފައެވެ.