މިދިޔަ ސީޒަންގައި އިންގްލިޝް ޕްރިމިއާ ލީގު އެންމެ ޕޮއިންޓަކުން ގެއްލުނު ލިވަޕޫލަށް މިހިނގާ 2023 ވަނަ އަހަރު ފުރަތަމަ ފަހަރު ލީގު މެޗަކުން މޮޅުވެވިއްޖެއެވެ.

ރޭ އެޓީމުން ކުޅުނު މެޗު ކާމިޔާބުކުރީ ލިވަޕޫލްގެ އެންމެ ވާދަވެރި ކްލަބްކަމަށްވާ އެވަޓަން އަތުން 2-0 އިންނެވެ.

މިމެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު މެޗުގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ 36 ވަނަ މިނެޓްގައެވެ. އެވަޓަންއަށް ލިބުނު ކޯނަރެއްގައި އެޓީމުން އުފެއްދި ހަމަލާ ލިވަޕޫލްގެ ދަނޑީގައި ޖެހިފައި ނިކުތް ބޯޅަ ހިފައިގެން ލިވަޕޫލްއިން އުފެއްދި ކައުންޓާ އެޓޭކް ނިންމާލީ އެވަޓަން ކޮޅަށް ގޯލެއް ޖަހައިގެންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހެވެ. މިސީޒަންގައި ސަލާހްގެ ފޯމްވެސް ގެއްލިފައިވާ އިރު މިއީ އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.

ނެދަލޭންޑްސްގެ ގެކްޕޯ (ވ) ވަނީ ރޭގެ މެޗުގައި ފުރަަތަމަ ފަހަރަށް ލިވަޕޫލަށް ލަނޑެއް ޖަހާ ދީފައި/ފޮޓޯ: ލިވަޕޫލް އެފްސީ

މިދިޔަ ހަފްތާ ބަންދުގައި ލީގުގެ އެއްވަނަ ޓީމު އާސަނަލް ބަލިކުރި އެވަޓަންއަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު މެޗުގެ ދެވަނަ ހާފް ފަށައިގެން އައި ތަނުން ލިވަޕޫލުން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖެނުއަރީ މަހު ޓީމާ ގުޅުނު ކޯޑީ ގެކްޕޯއެވެ. މިއީ ގެކްޕޯ ލިވަޕޫލަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

މި ސްކޯލައިންގައި އޮވެގެން މެޗު ނިމުނު އިރު މިއީ 2023 ވަނަ އަހަރު މެޗަކުން ލިވަޕޫލަށް 3 ޕޮއިންޓް ލިބުނު ފުރަތަމަ ފަހަރެވެ. މިމެޗުން މޮޅުވި ނަމަވެސް ލިވަޕޫލް އަދި ވެސް އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.

މި ސީޒަންގައި ދެ ވަނަ ކޯޗެއްގެ ދަށުން ކުޅެމުންދާ އެވަޓަން އޮތީ ތާވަލުގެ ފުލުން ތިން ވަނައިގައި ރެލިގޭޝަން ޒޯނުގައެވެ.