ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާ ނިމިއްޖެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ފަހު ކުރިއަށް އޮތީ ސިއްހީ ދާއިރާއާއި ޔުނިވާސިޓީ އާއި މަތީ ތައުލީމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަތައް ބޮޑު ކުރުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ކުރުމަށް އެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކާއެކު މަޝްވަރާ ކޮށްފައިވާނެ ކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ އެއް އަހަރު ތެރޭ ސިއްހީ ދާއިރާގެ ޖަމިއްޔާ ޖަމާއަތްތަކާއި ހެލްތް މިނިސްޓްރީއާއެކު މުހިއްމު ގިނަ ބައްދަލުވުން ތަކެއް ބޭއްވުމަށް ފަހު އެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ 55 ޕްރޮފެޝަން ސިއްހީ ދާއިރާގައި އޮތްއިރު އެ ހުރިހާ ޕްރޮފެޝަންގައި މީހުން ނެތް ކަމަށެވެ. އަދި ދިވެހިން ބައެއް ޕްރޮފެޝަންތަކުގައި ނެތް ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މުސާރައަށް އައި ހެޔޮ ބަދަލާއެކު ބޭނުމަކީ އެ ދާއިރާތަކަށް ދިވެހިން ކުރިމަތިލުން ކަމަށެވެ.

ފޭ ކޮމިޝަނުން މިހެން ބުނެފައިވާއިރު އަންނަ މެއި މަހުން ފެށިގެން ސިއްހީ ދައިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައެވެ.

މިއަހަރު ކުރިއަށް އޮތީ ސިއްހީ ދާއިރާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަންނަ މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެލަވަންސް ލިބެން ފަށާނެ ކަމަށެވެ.

މިއަހަރަށް ފާސްކުރި 42.68 ބިލިއަން ރުފިޔާގެ ބަޖެޓުގައި 5.02 ބިލިއަން ރުފިޔާއަކީ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ ބަޖެޓެވެ. އެއީ މިދިޔަ އަހަރު ކަނޑައަޅާފައިވާ ބަޖެޓާ އަޅާ ބަލާ އިރު 530 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ އިރު އެ ދާއިރާއިން 1000 މުވައްޒަފުން އިތުރުކުރަން ވެސް ވަނީ ހިމަނާފައެވެ.