ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވާލެވޭ ގޮތަށް ގަވާއިދު ބަށްޓަން ކުރީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ގޮތަށް ގާސިމް ވިދާޅުވެފައިވަނީ، މަސްތުވާ ތަކެތި އެތެރެ ކުރާ ބިދޭސީން ފުރުވާލެވޭ ގޮތަށް ހަދާފައިވާ ގަވާއިދެއްގެ ބައިތައް އުނިކުރުމަށް ގޮވާލައި ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އިތުރަށް ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ގަވާއިދެއް ނުހެދޭނެ ކަމަށާއި އެފަދަ އަމުރަކަށް ތަބާވާކަށް ވެސް ނުޖެހޭ ކަމަށެވެ.

މާމިގިލި ދާއިރާގެ މެންބަރު ކަމުގެ ގޮނޑިވެސް ފުރުއްވަމުންދާ ގާސިމް ވިދާޅުވީ ކޮންމެ ވެރިޔަކު ކުރިޔަސް ގާނޫނާ ހިލާފަށް ކުރާ އަމުރަކަށް ތަބާވާން ނުޖެހޭ ކަމަށާއި އަދި ކޮންމެ ބަޔަކު ކުރި ކަމަކަށް ވިޔަސް ވެރިކަމުގެ ބާރު ލިބިގެން ވަނީ ގާނޫނާއި ގާނޫނުއަސާސީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެވެސް ހިސާބަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ. އަދި މިއީ ވަރަށް ސީރިއަސް ކޮށް ބަލަންޖެހިފައިވާ މައްސަލައެއްގެ ގޮތުގައި ގާސިމް ފާހަގަ ކުރެއްވިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ މިމަހު، ގަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނައި ނަމަވެސް، މަސްތުވާތަކެތި އަތުލުމަށްފަހު ފަސިންޖަރު ޑީޕޯޓް ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމާ ގުޅިގެން ސަރުކާރަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުން ޑީޕޯޓު ކޮށްލެވޭ ގަވައިދު ޝާއިއު ކޮށްފައި ވަނީ ނިމިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ. ރައްޔިތުން މަޖިލީހުގެ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އެކަން ދިފާއު ކުރަށްވާ ވާހަކަދައްކަވާފައެވެ. އަދި ހަސަން ލަތީފް ހުށަހެޅުއްވި މި މައްސަލަ ބޭރުކުމަށްޓަކައި ވިޕެއް ނެރެފައިވެއެވެ.