މީގެ 100 އަހަރު ކުރިން ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންނަށް ވުރެ މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ބޮޑުތަނުން މަތިވެއްޖެއެވެ.

މީގެ 100 އަހަރު ކުރިން، 1939 ގައި ވެސް ތުރުކީއަށް އައީ ރިކްޓާ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި 30،000 މީހުން މަރުވި ކަމަށް ރިކޯޑް ކުރި އިރު، މިދިޔަ ހޯމަ ދުވަހުގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 33،139 އަށް އަރާފައެވެ.

ސިސްމޮލޮޖިސްޓުން ބުނާގޮތުން ހިކިފަސްތަނަކަށް އައި އެންމެ ބާރުގަދަ 6 ބިންހެލުމުގެ ތެރެއިން ތުރުކީ ބިންހެލުމަކީ ބާރުގަދަ ބިންހެލުމެކެވެ. ޖުމްލަ 10 ޕްރޮވިންސެއްގެ އިމާރާތްތަކާއި މަގުތަކާއި އުމްރާނީ ވަސީލަތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު، ވެއްޓި ފުނޑުފުނޑުވެފައިވާ އެތައް ސަތޭކަ އިމާރާތެއް އެބަހުއްޓެވެ. ބައެއް ޕްރޮވިންސްތަކުގައި ކޮޅަށް ހުރި އެންމެ އިމަރާތެއް ނެތް އިރު، އިމާރާތްތަކުގެ ދަށުގައި ދިރި ތިބި ތުއްތު ކުދިންނާއި ބޮޑެތި މީހުން އަދިވެސް ފެންނަމުން އެބަދެއެއެވެ. މަރުވެ، ހަރުދަނޑި އަރާފައި ތިބި މީހުންވެސް ފެންނަމުން ދާއިރު، ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާ ރެއާ ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ. ގާކުނޑިތަކުގެ ދަށުގައި ވަޅުލެވި، ކަނު އަނދިރީގައި ފެންފޮދެއް، ކާއެތިކޮޅެއް، ކިރުކޮޅެއް ނުލިބި ތުއްތުތުއްތު ކުދިން ތާށިވެފައި ވަ އިރު، އެ ގާކުނޑިތަކުގެ ދަށުން ވޭނީ އާހް އެއްގެ އަޑު އަންނަ ކޮންމެ ފަހަރަކީ، ދިރިހުރި ފުރާނައެއް ސަލާމަތް ކުރުމުގެ އުންމީދު އާވާ ފާހަރެކެވެ.

އެހެން އިވޭ ކޮންމެ އަޑަކާއެކު އެންމެން ހިމޭންވެ، މަގުމަތީގެ ޓްރެފިކް ހުއްޓުވައި، އެ އިވޭ އަޑު ނޫން އަޑެއް ނީވޭނެހާ މިންވަރަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރިއަށް ގެންދާ އިރުވެސް ބޮޑެތި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ބޯ ފިނީގެ ސަބަބުން، އެކަށީގެންވާ ސްޕީޑްގައި މަސައްކަތް ގެންދެވެން ނެތުމާއި، ބިންހެލުން އައި ސީރިއާގެ އުތުރު ބިތުގައި ހިނގާ ދާހިލީ ހަނގުރާމައާއި ހަތިޔާރުއެޅި ޖަމާއަތްތަކުގެ ބިރާ ކުރިމަތިލާން ޖެހިފައި ވުމަކީ އޮތް ގޮންޖެހުމެކެވެ. އެ ގޮންޖެހުމުގެ ތެރޭގައި ސީރިއާގެ އުތުރު ބިތަށް އެހީ ފޯރުކޮށްދިނުމުގައި އެޖެންސީތަކަށް ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި 100 އެތައް ގައުމަކުން ހަރަކާތަތެރިވަމުން ދާ އިރު، އެބަޔަކަށް ވެދެވުނު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާކަން ފާހަގަ ކުރެވެއެވެ. ދިވެހި ސަރުކާރުން ތުރުކީ އާއި ސީރިއާއަށް 1 މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމާފައި ވާ އިރު، ދިވެހި އަމިއްލަ ޖަމިއްޔާއެއް ހަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވެސް ގެންދަނީ ތުރުކީ ބޯޑަރުގައި ހަރަކާތްތެރި ވަމުންނެވެ.

ބިންހެލުމުގައި ފުނފުނޑު ވެފައި ވާ އިމާރާތްތައް ފެންނަ ފޮޓޯއެއް

ތުރުކީ ފަޅިން މަރުވި މީހުންގެ އަދަދު 29،605 އަށް އަދި 3،500 އަށް އަރާފައި ވަ އިރު، އޭގެ ތެރޭގައި ޕަލަސްތީނިގެ 89 މީހަކުވެސް ހިމެނެއެވެ. އެއާއެކު ޕަލަސްތީނުގެ އަމިއްލަ ޖަމާއަތަކުން މިހާރު ދަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއްވެސް ހިންގަމުންނެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދޭ ފަލަސްތީނުގެ ހާއްސަ ޓީމެއްވެސް މިހާރު ވަނީ ތުރުކީ ބޯޑަރަށް ގޮސްފައެވެ.

ބިންހެލުމަށް ހަފްތާއެއް ވެފައި ވާ އިރު، އިންސާނީ އެހީގެ މަސައްތަކަށް އިތުރު ފަސޭހަކަމެއް ގެނައުމަށްޓަކައި މަރާމާތަށް ފަހު ތުރުކީގެ ހަޓޭ އެއާޕޯޓުވެސް ހުޅުވައިފިއެވެ. އެއާއެކު އެކި ގައުމުތަކުން އެހީގެ ސާމާނު ސަޕްލައި ކުރަމުން ގެންދާއިރު ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވާ ޓެންޓާއި، ކޮންޓެއިނާ ގެ އާއި ބާލީހާއި، ބްލޭންކެޓާއި ކުދި އެނާޖީ ލައިޓާއި ކުދިކުދި އިންޖީނާއި ބޭހާއި ޑޮކަޓަރުންގެ ބޮޑެތި ޓީމުތައް ހަރަކާތްތެރިވަމުން އެބަދެއެވެ.

އދ ގެ އިދާރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މެންބަރު ގައުމުތަކުގައި އެދެމުން ދާ އިރު، ޗައިނާފަދަ ބޮޑެތި ގައުމުތަކުން ވެސް ވަނީ ގިނަ އެހީތައް ފޯރުކޮށްދީފައެވެ.