ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަތަރުން މޮބައިލް ހޯމް ނުވަތަ ކެބިންތަކުގެ ފުރަތަމަ ބެޗް ފޮނުވަން ތައްޔާރު ވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް 7.8 މެގްނިޓިއުޑް ބާރުމިނުގަައި އައި ބިން ހެލުމުގައި އެތައް ގެއެއް ވެއްޓި ވަނީ ކުދިކުދިފައެވެ. އަދި އޭގެ ސަބަބުން އެތައް ހާސް އާއިލާއެއް ހާލުގައި ޖެހިފައި ތިބުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމީހުންނަށް އެހީވުމަށް އަންނަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ގަތަރުގެ ފަރާތުން މޮބައިލް ގެތަކެއް ހަދިޔާ ކުރަން ނިންމާފައިވާ އިރު، އޭގެ ފުރަތަމަ ބެޗްގައި 10،000 މޮބައިލް ގެ ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ގަތަރު ފަންޑް ފޯ ޑިވެލޮޕްމަންޓުން ބުނެއެވެ. އެ މޮބައިލް ގެތައް ދޭން ނިންމާފައިވާ ކަން މިދިޔަ ހަފްތާތެރޭގައި ދޯހާ އިން އިއުލާން ކޮށްފައި ވާއިރު، އެއީ މީގެ ކުރިން ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުން ކުރި މޮބައިލް ހޯމްތައް ކަމަށް ދޯހާ ނިއުސް އިން ބުނެއެވެ.
މި މޯބައިލް ކެބިންތަކުގެ ފޮޓޯތައް އޮންލައިންގަައި ދައުރުވާއިރު ބޭރުން ފެންނަނީ ކޮންޓެއިނާއެއް ފަދައިން ފެނުނަސް އެތެރެ ހިތްގަައިމެވެ. މި ގެތަކުގައި ދިރިއުޅުމަށް ޖާގައިގެ ދަތިކަމެއް ނެތެވެ. އޭގެ އިންޓީރިއާތައް ހުންނަނީ ހޮޓެލްގެ ކޮޓަރިއަކާ އެއްގޮތް އަދި ޓްވިން އެނދާއި ބައެއް ފަރުނީޗަރުތައް ހިމެނޭ ގޮތަށެވެ.
ދޯހާ ނިއުސް އިން ބުނާ ގޮތުގައި، ޓްރާންސިޝަނަލް އެކޮމޮޑޭޝަންތައް ހަދިޔާ ކުރަން ރާވާފައި ކުރިން އޮތީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ލެގަސީ ޕްލޭންގެ ދަށުންނެވެ. ނަމަވެސް ތުރުކީ އާއި ސީރިއާއަށް ދިމާވެފައިވާ ނުރައްކާތެރި ކަންކަމަށް ރިއާޔަތްކޮށް އެ ގުދުރަތީ ކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެ މޯބައިލް ކެބިންތައް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ އެކު ގިނަ އާފްޓާ ޝޮކްތަކެއް ވަނީ އައިސްފައެވެ. ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު 29،000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ތުރުކީން 24،617 މީހުން ވަނީ މަރުވެފައެވެ. އަދި، ސީރިއާއިން 4،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބިންހެލުން އައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލްސާނީ ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާ ފޯނުން ގުޅުއްވައި ތުރުކީގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
މި ބިންހެލުމާ ގުޅިގެން ގަތަރުން ވަނީ ގަތަރުގެ އެތެރޭގެ ސަލާމަތީ ބާރު ކަމަށްވާ ލެކްވިޔާއިން ސާޗް އެންޑް ރެސްކިއު ޓީމެއް ފޮނުވައި، ގިނަ އަދަދެއްގެ އެހީ ވެސް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ގަތަރުގެ އާމިރު ވަނީ ފީލްޑް ހޮސްޕިޓަލްތަކާއި ރިލީފް އެއިޑް އަދި ޓެންޓު ފަދަ ޒަރޫރީ ރެސްކިއު އިކުއިޕްމަންޓްތައް ފުރިހަމައަށް ހިމެނޭ އެއާ ބްރިޖެއް ތުރުކީގައި ލޯންޗުކުރުމަށް ވެސް އަންގަވާފައެވެ.