ތުރިކީއާއި ސީރިއާ އަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އިންޑިއާއިން ފޮނުވާ ސާމާނާއި ރެސްކިއު އޮފިޝަލުން ގޮވައިގެން ދިޔަ 7 ވަނަ ފްލައިޓް ސީރިއާއަށް ޖައްސައިފިއެވެ.

35 ޓަނުގެ ސާމާނާއި އޮފިޝަލުން ދިޔަ ފްލައިޓުން ސީރިއާއަށް 23 ޓަނުގެ ތަކެތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެން ހުރި ތަކެތި ގެންދާނީ ތުރުކީއަށެވެ.

އިންޑިއާއިން ދޭ އެހީގެ ތަކެތީގެ ތެރޭގައި ނިދާ ތަންމަންޗާއި، ގޮދަޑިއާއި، ސޯލާ ބައްތިއާއި، ކުދި ޖެނެރޭޓަރު ސެޓާއި، ޓެންޓް ހަދަން ބޭނުން ކުރާ ސަތަރިއާއި، ބްލޭންކެޓުގެ އިތުރުން އެމަޖެންސީ ހާލަތުގައި ބޭނުން ކުރާ ބޭހާއި ކޮންސިއުމަބަލްސް ފަދަ ތަކެތި ހިމެނެއެވެ. އަދި މެޑިކަލް ސާމާނުގެ ގޮތުގައި އީސީޖީ މެޝިނާއި، އެނެސްތީޝިއާ މެޝިން، ޕޭޝަންޓް މޮނިޓަރިން މެޝިން، ސިރިންޖް، ގުލުކޯމީޓާ ފަދަ ތަކެތިވެސް ހިމެނެއެވެ.

އިންޑިއާއިން މީގެ ކުރިން ކުރި 6 ދަތުރުގައިވެސް ކުއްލިހާލަތުގެ އެހީއަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމުގައި ބޭނުން ކުރާ އާލާތްތަކުގެ އިތުރުން މީހުން ސަލާމަތް ކުރުމުގައި ބޭނުން ކުރާ ކުއްތާއާއި ހޮސްޕިޓަލެއް ހެދުމަށް ބޭނުންވާ ތަކެތި ވަނީ ގެންގޮސްފައެވެ. އެ ދަތުރުތަކުގައި ގާއިކު ކުރި ވަގުތީ ހޮސްޕިޓަލް ހަދާފައި ވަނި ތުރުކީ އާއި ސީރިއާ ބޮޑަރުގެ ޕްރޮވިންސެއް ކަމަށް ވާ އިސްކަންދަރުންގައެވެ. މި ހޮސްޕިޓަލުގައި ފަރުވާ ދޭން ތިބީ އިންޑިއާ އާމީގެ ސިއްހީ އޮފިޝަލުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ކުއްތާއާއެކު ތުރުކީގައި

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 29،000 އަށް އަރާފައި ވައިރު، ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ މިލިއަނަކާ ކައިރި ކޮށްފައެވެ.

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުން:

  • ތުރުކީން މަރުވި މީހުންގެ އަދަދު: 24،617
  • ސީރިޔާއިން މަރުވި މީހުންގެ އަދަދު: 4،500
  • ހާލުގައި ޖެހި އެންމެ ފުރަތަމ އެހީ ބޭނުންވާ މީހުންގެ އަދަދު: 900،000

ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތުގައި 100 އެތައް ގައުމަކުން ހަރަކާތްތެރިވަމުން ދާއިރު، ބައެއް ގައުމުތަކުން ވަނީ ފައިސާގެ އެހީ ދޭން ނިންމާފައެވެ. އެގޮތުން އެމެރިކާ އާއި ޗައިނާއިން ފައިސާގެ ބޮޑު އެހީއެއް ދޭނެ ކަމަށް ވަނީ ބުނެފައެވެ. މެކްސިކޯއާއި، ދެކުނު ކޮރެއާ، އޮޮސްޓްރިއަ ފަދަ ގައުމުތަކުން މީހުން ހޯދުމަށް ބޭނުންވާ ހާއްސަ އާލާތްތަކާއި ކުއްތާ ބޭނުން ކުރަމުން ދާ އިރު، މިއަދުވެސް ދިރިތިއްބާ 5 މީހަކު ހޯދާފައި ވެއެވެ. އިއްޔެ 9 މީހަކު ހޯދި އިރު ފުރާނަ ނެތް ދެމީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 15،000 އެއްހާ މީހުން ހަރަކާތްތެރިވަމުން ދާ އިރު، ތަފާތު އެކި މައްސަލަތައްވެސް ދަނީ ދިމަވަމުންނެވެ. އެގޮތުން ސެކިއުރިޓީ މައްސަލަތަކެއް ދިމާވެ، އޮސްޓްރިއާގެ ޓީމު އަނބުރާ ގައުމަށް ދާން ވަނީ ނިންމާފައެވެ. އެޓީމުގެ އޮފިޝަލަކު ބުނީ، ގްރޫޕުތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި ސެކިއުރިޓީ އާ ގުޅުންހުރި ކަމެއް ދިމާވެއްޖެ ކަމަށާއި އެހެން ކަމުން އެގައުމުގެ ޓީމު އަނބުރާ ގައުމަށް ދަނީ ކަމަށެވެ. އެޓީމު ހަރަކާތްތެރިވަމުން ދިޔައީ ބިންހެލުމުގައި އެންމެ ބޮޑަށް އަސަރު ކުރި އެއް ޕްރޮވިންސް ކަމަށްވާ ހަޓޭގައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އެމީހުން 9 މީހަކު ހޯދިއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހަކު ނަގައިގެން ގެންދަނީ

އދ އިން ބުނާ ގޮތުގައި، ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތަދުމަޑުކަމުގެ މައްޗަށް މި ބިންހެލުން އައުމާއެކު އެގައުމުން ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު 5.3 މިލިއަނަށް އަރައެވެ. އަދި އެއީ އިންސާނީ އެހީ ބޭނުންވާ ހާލަތުގައި ތިބި ފަރާތްތައް ކަމަށާއި، ދާހިލީ ހަނގުރާމައާ ހެދި ތަފާތު ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދުތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދާ ކަމަށެވެ. މިއާއެކު އެހީގެ ތަކެތި ފޯރުކޮށް ދިނުމަށް އޮފިޝަލުން މިހާރު މަސައްކަތް ކުރަނީ ސީރީއާ އާއި ތުރުކީ ގުޅޭ ބޯޑަރުންނެވެ. ތުރުކީ ސަރުކާރުގެ ހުއްދައާއެކު، ޖުމްލަ ތިން މަގަމުން އެހީގެ ތަކެތި ސީރިއާއަށް ފޯރުކޮށްދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބޯ ފިންނާއި، މޫސުމް ގޯސްވުމުގެ އިތުރުން ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކުގައި ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލުތައް އުފެދިފައި ވާ އިރު، ފޯރުކޮށްދެވޭ އެހީ މަދުވެގެން ސީރިއާގެ ބައެއް ގްރޫޕުތަކުން ދަނީ އެހީދޭ ފަރާތްތަކަށް ފާޑުވެސް ކިޔަމުންނެވެ.

ހަބަރުތައް ބުނާގޮތުން، ހޯމަދުވަހުގެ މައި ހިންހެލުމަށް ފަހު އަދިވެސް ކުދިކުދި ލޮޅުންތައް އަންނަ އިރު މިހާތަނަށް 2356 ކުދުކުދި ލޮޅުން ވަނީ ރެކޯޑް ކުރެވިފައެވެ.