ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.

އެ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓް ކޮށްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރި ކަމަށާއި، ޑީއެންއޭ ސާމްޕަލް ނަގަމުންދާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

މިއަދު މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ވ. އަތޮޅުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނަގައި، އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށާއި، މައްސަލަ އަދިވެސް ބަލަމުންދާ ކަމަށެވެ.

އިންސާނެއްގެ ހަށިގަނޑު ވ. އަތޮޅު ކަނޑުން ފެނިފައިވާ އިރު، ތެޔޮ ބޯޓަކުން ގެއްލުނު ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) ފެނުނު ނަަމަވެސް އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން ފެނިފައެއް ނުވެއެވެ.

ނިޒާމް ވަނީ މަރުގެ ތުހުމަތެއްގައި ހައްޔަރުކޮށް 60 ދުވަހަށް ބަންދު ކޮށްފައެވެ. ބެލެވޭ ގޮތުގައި ނިޒާމް ބަންދުކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެންނެވެ.