ކުޅަދާނަ ބަތަލާ ހީނާ ހާން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެއެވެ.
ޓީވީ ސިލްސިލާތަކުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހީނާ ހާން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސް ގައެވެ. ރާއްޖެ އައިސް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ވީޑިއޯ އާއި ފޮޓޯތައް އަންނަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ. ރާއްޖޭގައި ހޭދަކުރާ ޗުއްޓީ އާ ގުޅޭގޮތުން ހީނާ ބުނީ ރާއްޖެ އަކީ އޭނާ އަށް އަބަދުވެސް އެންމެ ކަމުދާ މަންޒިލް ކަމަށާއި ދުނިޔެމަތީ ސުވަރުގެ އެއް ވާނަމަ ރާއްޖެ އަކީ އެތަން ކަމަށެވެ.
ބަތަލާ ހީނާ އަކީ ރާއްޖެ ދެކެ އިންތިހާއަށް ލޯބިވާ ތަރިއެކެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާ ހީނާ އެންމެ ފަހުން ރާއްޖެ އައީ މިދިޔަ ސެޕްޓެމްބަރުގައެވެ. މިދިޔަ އަހަރު އޭނާ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އިންޑިއާގެ ތަރިންތަކުގެ ތެރެއިން ހީނާ އަކީ ރާއްޖެ ދެކެ އެންމެ ލޯބިވާ ތަރިވެސް މެއެވެ.
ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ އަކްޝަރާގެ ރޯލުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހީނާ ވަނީ އެ ޑްރާމާގައި ހަ އަހަރު ދުވަސް ވާންދެން މަސައްކަތް ކޮށްފައެވެ. 2015 ވަނަ އަހަރު އޭނާ އެ ރޯލު ދޫކޮށް ދިޔުމުން އެ ޑްރާމާގެ މެއިން ކެރެކްޓާއަކަށް ވީ އޭނާގެ ދަރި ނައިރާ (ޝިވާންގީ) އެވެ. އަދި ޝިވާންގީ ވަނީ މިދިޔަ އަހަރު އެ ޑްރާމާ ދޫކޮށްލާފައެވެ. އޭނާ އެ ޑްރާމާ ދޫކޮށްލުމުން މިހާރު އެ ޑްރާމާގެ ލީޑު ތަރިއަކީ އަކްޝަރާއެވެ.
ހީނާ ކުޅުނު ބައެއް ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ ޒިންދަގީ ކޭ 2"، "ދިޔާ އޯރް ބާތީ ހަމް" އަދި "ސާތު ނިބާނާ ސާތިޔާ" ހިމެނެއެވެ. އޭގެ ފަހުން އޭނާ ވަނީ 2020 ވަނަ އަހަރު ބޮލީވުޑަށް ތައާރަފް ވެފައެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "ހެކްޑް" އެވެ.