ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލާ ދެކޮޅަށް ސިނާއީ ދާއިރާތަކުގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިން އެއް މޭޒެއްގެ ދޮށަށް އެއްވެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން މިއަދު ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލް ހާމަކުރާކަށް އެ ފަރާތްތަކުން ބޭނުމެއް ނުވެއެވެ. އެ ބައްދަލުވުމުގައި ތިލަފުށިން ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި ދިވެހި ވިޔަފާރުވެރިން އެކުވެެން ކުރި މަޝްވަރާތަކާއި އަދި ނިންމުނު ކަންކަމާ ގުޅޭ ގޮތުން މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ އެޗްޑީސީން އިއުލާނު ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ އިއުލާނުގައި ބަޔާން ކޮށްފައި އުސޫލުތަކުގައި ބުނާ ގޮތުގައި، އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި އެ ގޮތުން އެ ބީލަމުގައި ދިވެހިން އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ބީލަމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ގިނަ އަހަރުތަކަކަށް ބިދޭސީންނަށް ބިން ދޫކުރާ މައްސަލައިގައި މަޑުއްވަރީ ދާއިރާެ މެންބަރު އާދަމް ޝަރީފް އުމަރު ކުްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަުއްވަމުން ވިދާޅުވެފައި ވަނީ، އެ އުސޫލާ އެއްގޮތަށް ބިން ވިއްކައިފި ނަމަ ދިވެހި ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތުތައް ހަނިވެ ކުރިމަގުގައި ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު މީހުންގެ މައްޗަށް ދިއުމުގެ ދޮރު ހުޅުވިގެން ދާނެ ކަމަށެވެ. ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައްޔާއި އަދި ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި ގްރޭޓާ މާލެއިން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ނަމަވެސް މި ކުއްލި މައްސލައަށް ބަހުސް ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހި ނަމަވެސް ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން 9 ވޯތު ލިބިގެން އެ މައްސލަަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

އާދަމް ޝަރީފްގެ އިތުރުން މި މައްސަލައިގައި އެމްއެންޕީން ވެސް ވަނީ ސަރުކާރުން ހަދާފައިވާ އުސޫލު ބަދަލު ކުރުމަށް ގޮވާލާފައެވެ. މިއީ ދިވެހި އިގްތިސޯދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުން ވާނޭ ކަމެއްގެ ގޮތުގައި ސިފަކުރަމުން އެމްއެންޕީން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަން ދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.