ކ. ތިލަފުށީގެ ލޮޓު ނަންބަރު:30230 ގެ ފަޅުތެރެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

އެޗްޑީސީއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ ލޮޓު ނަންބަރު: 30230 ގެ ފަޅުތެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އެއްވެސް އުޅަނދެއްގެ ވެރިފަރާތެއްވާނަމަ، އެޗްޑީސީގެ ހޮޓްލައިން 1415އަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު، 15 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެގުމަށް އެޗްޑީސީއިން ވަނީ އަންގާފައެވެ.

އެޗްޑީސީއިން ބުނީ އެ މުއްދަތުގެ ތެރޭގައި މި އުޅަނދުތައް ނަގާފައިނުވާމަ މިއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމުގައި ބަލައި، އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެ އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށެވެ.